ރިތިކް އެނގެނީ ކިހާވަރަަކަށް؟

ރިތިކް ރޯޝަން އުފަންވެފައިވަނީ 1974 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުއެވެ.

|ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ރިތިކް ހިމެނޭއިރު އޭނާ ވަނީ މިހާތަނަށް 6 ފިލްމް ފެއާ އެވޯޑްވެސް ހޯދާފައެވެ. ވޯލްޑް ޓޮޕް މޮސްޓް ޑޮޓް ކޮމްއިން ހޮވި ދުނިޔޭގެ 3 ވަނައަށް އެންމެ ރީތި ފިރިހެނަކަށް ހޮވިފައިވާ ރިތިކް ރޯޝަން ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް އޭރު ރިތިކް އަކީ ކުޑަ ކުއްޖެއް ކަމުން އޭނާ ފެނިގެން ދިޔައީވެސް ކުޑަ ކުދިންގެ ރޯލްތަކުންނެވެ.


ރިތިކް އަކީ މަދު އަހަރުތަކެއްގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ތަރިންގެ ތެރެއިން ފާހަގަކޮށްލެވޭ ތަރިއެކެވެ. ރިތިކް ރޯޝަންގެ ބައްޕަ އަކީ ރާކޭޝް ރޯޝަންއެވެ. އަދި މަންމަ އަކީ ޕިންކީ ރޯޝަންއެވެ. ރިތިކް ރޯޝަންއަށް ލޯބިން އޭނާ ކުޑައިރު ކިޔަން ފެށި ނަމަކީ ޑުއްގޫއެވެ. ރިތިކްއަށް މިނަން ކިޔާފައިވާއިރު ރިތިކްގެ ބައްޕަގެ ގެއަށް ކިޔާ ނަމަކީ ގުއްޑޫކަން ފާހަގަކޮށްލެވޭއެވެ.

ރިތިކްގެ އުމުރުން އެންމެ ހައަހަރުގައި ރިތިކް ސިލްވަރ ސްކްރީންއިން ފެނުމަށް އޭނާގެ ކާފަ ޖޭ އޯމް ޕްރަކާޝް ބޭނުންވިއެވެ. އެހެންކަމުން 1980 ވަނަ އަހަރު ނިކުތް ފިލްމު އާޝާއިން ރިތިކް އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިގެން ދިޔައެވެ. އެފިލްމުގައި ކުޑަ ކުޑަ ރިތިކް ނަޝަން ހުރި މަންޒަރެއް ފެނުނުއިރު، އެމަންޒަރު ވީޑިޔޯ ކުރީ ރިތިކްއަށް ނުވެސް އެނގިކަން ފާހަގަކޮށްލެވެއެވެ. ރިތިކް އަށް އެންމެ ފުރަތަމަ ޑައިލޮގެއް ކިޔާލަން ފުރުސަތު ލިބުނި އިރު އޭނާގެ އުމުރަކީ 11 އަހަރުގައެވެ.

ރިތިކް ކިޔަވާފައިވަނީ ބޮމްބޭ ސްކޮޓިޝް ސްކޫލްއިންނެވެ. ރިތިކް ބުނީ އޭނާއަށް ކުޑައިރު ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެކަމުގެ ސަބަބުން ވާހަކަ ދެއްކުމުގެ ޓެސްޓްތައް އޮންނަ ދުވަސް ދުވަހު އޭނާ ސްކޫލަށްވެސް ދާން ބޭނުން ނުވި ކަމަށެވެ. އެހެންކަމުން ރިތިކް ވަނީ ވާހަކަ ދެއްކުމުގައި ދިމާވި ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ސްޕީޗް ތެރަޕީވެސް ހަދާފައެވެ. ރިތިކް ރޯޝަންގެ އެންމެ ފުރަތަމަ ފިލްމަކީ އޭނާގެ ބައްޕަ އުފެއްދި ފިލްމު ކަހޯނާ ޕިޔާރްހޭއެވެ.

ބްލޮކްބަސްޓަރ އަކަށްވި މިފިލްމަށް 9.2 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިފިލްމުން ރިތިކްއަށް ވަނީ ބެސްޓް އެކްޓަރ އެވޯޑާއި އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓަރުގެ އެވޯޑްވެސް ލިބިފައެވެ. ކަހޯނާ ޕިޔާރްހޭއަށް ފަހު ރިތިކް ވަނީ މިޝަން ކަޝްމީރު، ފިޒާ އަދި ކަބީހުޝީކަބީޣަމްއިން ފެނިގެންގޮސްފައެވެ. އޭގެ ފަހުން ރިތިކް ކުޅުނު ބައެއް ފިލްމުތަކަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ނާކާމިޔާބް ބައެއް ފިލްމުތަކަށް ފަހު ރިތިކް 2003 ވަނަ އަހަރު ކުޅުނު ސައިންސް ފިކްޝަން ފިލްމު ކޮއީ މިލްގަޔާއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެންގޮސްފައެވެ.

މިފިލްމުން ރިތިކަށް ވަނީ ބެސްޓް އެކްޓަރގެ އެވޯޑްވެސް ލިބިފައެވެ. ކޮއި މިލްގަޔާއަށް ލިބުނު ތަރުހީބުގެ ސަބަބުން 2006 ވަނަ އަހަރު އެފިލްމުގެ ސީކުއެލްއެއް ވަނީ ހަދާފައެވެ. އެއީ ކްރިޝްއެވެ. ކްރިޝްއަށް ފަހު ކްރިޝް ޓޫވެސް ވަނީ ނިކުމެފައެވެ. ރިތިކްއަށް 3 ވަނަ ފިލްމުފެއާ އެވޯޑް ލިބިފައިވަނީ ދޫމް ޓޫއިންނެވެ.

އެފިލްމުގައި ރިތިކް ފެނިގެން ގޮސްފައިވަނީ ނެގަޓިވް ރޯލަކުން ނަމަވެސް އޭނާގެ ރޯލަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ދޫމް ޓޫއަށްފަހު އައިޝްވަރްޔާރާއި އާއެކީގައި ކުޅުނު ފިލްމު ޖޯދާ އަކްބަރްވެސް ވެފައިވަނީ ކާމިޔާބް ފިލްމަކަށެވެ. ރިތިކް 2012 ވަނަ އަހަރު ކުޅުނު ފިލްމު އަގްނީޕަތް އަދި 2013 ވަަނަ އަހަރު ކުޅުނު ފިލްމު ކްރިޝް ތްރީ ފާހަގަކުރެވިފައިވަނީ އެންމެ ގިނަ އާމްދަނީ ލިބުނު ފިލްމުތަކުގެ ތެރޭގައެވެ.

ފިލްމު ކުޅުމުގެ އިތުރުން ރިތިކް ރޯޝަން އަކީ ވަރަށް މޮޅު ނެށުންތެރިއެކެވެ. ސްޓޭޖްތަކުގައި އޭނާ ވަނީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅާދީފައެވެ. ރިތިކް ވަނީ ޑާންސް ޝޯއެއް ކަމަށްވާ ޖަސްޓް ޑާންސް ހޯސްޓްވެސް ކޮށްފައެވެ. މީގެ އިތުރުން ރިތިކް ވަނީ އޭނާގެ އަމިއްލަ ކްލޮތިން ލައިންވެސް ލޯންޗުކޮށްފައެވެ. ރިތިކްގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު ދެހާސްވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު އޭނާ ވަނީ އެކްޓަރ ސަންޖޭ ހާންގެ އަންހެން ދަރިފުޅު ސުޒޭންހާންއާއި ކައިވެނިކޮށްފައެވެ.

އެހެެންނަމަވެސް 2 ފިރިހެން ކުދިން ލިބި 13 އަހަރަށް ފަހު ރިތިކްއާއި ސުޒޭންގެ ކައިވެެނި ވަނީ ރޫޅިފައެވެ. ރިތިކްގެ އެންމެ ފަހުގެ ފިލްމުތަކުގެ ތެރޭގައި ގާބިލް ފާހަގަ ކޮށްލެވެއެވެ. މިފިލްމުގައި އޭނާ ފެނިގެންގޮސްފައިވަނީ ލޯއަނދިރި މީހެއްގެ ރޯލުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...