ނުނިދާ ހުރެ ފިލާވަޅު ދަސްކުރުމަކީ ރަނގަޅު ކަމެއް ނޫން

އިމްތިހާނެއް ކައިރިވަމުން އަންނައިރު، ކުރީސުރެ އެ އިމްތިހާނަކަށް ރަނގަޅަށް ތައްޔާރުވެވިފައި ނުވާނަމަ، ނުނިދާ ހުރެގެން ފިލާވަޅު ދަސްކުރުމަކީ ގިނަ ދަރިވަރުން އަމަލު ކުރަމުން އަންނަ ގޮތެވެ.

ޓެސްޓް ކައިރިވަމުން އަންނައިރުވެސް އެކަމާމެދު މާބޮޑަށް އަޅާނުލެވުމުގެ ނަތީޖާއަކަށްވަނީ ނިދި ނަގާލާއިގެން އިމްތިހާނު އޮންނަ ދުވަހުގެ ކުރީ ރޭ ފިލާވަޅު ދަސްކުރަން މަޖުބޫރުވުމެވެ.

މިގޮތަށް ފިލާވަޅު ދަސްކޮށްގެން އިމްތިހާނުން ފާސްވާ ކަމަށް ބައެއް ދަރިވަރުން ބުނެއެވެ. އެހެންނަމަވެސް މިއީ އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ. ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުން ރަނގަޅަށް ނިދި ހަމަކުރުމަށްފަހުގައި އިމްތިހާނު ހެދުމަކީ، މާ ރަނގަޅު ނަތީޖާއެއް އެކަމުން ނިކުންނާނެ ކަމެކެވެ. އެގޮތުން، ނިދި ހަމަކޮށްފިނަމަ، ދަރިވަރުގެ ސިކުނޑި ތާޒާވެ، އިމްތިހާނު ހަދަމުން އަންނައިރު، ދަސްކުރި އެއްޗެހި ހަނދާންވުމަށްވެސް މަގުފަހިވެގެންދާ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.

އެއާ ޚިލާފަށް، ނުނިދާހުރެ ފިލާވަޅު ދަސްކުރުމުން އިމްތިހާނު ހަދަމުން އަންނައިރު ސިކުނޑި އެންމެ އެދެވޭ ގޮތުގައި މަސައްކަތެއް ނުކުރާނެއެވެ. އަދި ނިދި ހަމަނުވާނަމަ، ދަސްވި އެއްޗެހި ވަރަށް ފަސޭހައިން ހަނދާން ނެތުމަށްވެސް މަގުފަހިވެއެވެ.

އެހެންކަމުން އިމްތިޙާނެއް ކައިރިވަމުން އަންނައިރު، އެކަމަށް ދުރާލާ ތައްޔާރުވުމަކީ މުހިންމު ކަމެކެވެ. އަދި ނިދި ހަމަ ކުރުމަށްފަހު އިމްތިހާނު ހެދުމަކީވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...