ދިރާގުގެ ސްޕޯޓްސް ފެސްޓިވަލް ފަސްކޮށްފި

މޫސުން ގޯސްވުމާ ގުޅިގެން ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ފަސްކޮށްފިއެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2018 އަކީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ބާއްވާ ފެސްޓިވަލެކެވެ. އެ ފެސްޓިވަލް އިއްޔެ ބާއްވަން ކުރިން ނިންމާފައިވީ ނަމަވެސް، މިހާރު އެ ހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ހެންވޭރު ދަނޑުގައި ބާއްވަން ހަމަޖެހިފައި އޮތް ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ފަސްކުރި ނަމަވެސް، ރާވާފައިވާ ގޮތަށް އެހަރަކާތް ކުރިއަށްގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މިޙަރަކާތުގައި ޚާއްސަ އެހީއަށް ބޭނުންވާ ތިންސަތޭކަ ނުވަދިހަ ކުދިން ބައިވެރިވާނެއެވެ.

އޭގެ އިތުރުން 11 ސްކޫލަކާއި 4 އެންޖީއޯ އަކުން ބައިވެރިވާކަމަށް ދިރާގުން ބުނެއެވެ. މިއީ ދިރާގުން އެ ފެސްޓިވަލް ބާއްވާ 8 ވަނަ ފަހަރެވެ. އެކުންފުނިން ބުނީ އެފަދަ ބޮޑު ފެސްޓިވަލެއް ބޭއްވުމުގެ ބޭނުމަކީ، މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް އެ ފެސްޓިވަލްގެ މަޤްސަދެއް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...