އިންޑިއާކަނޑުން މަސްބޭނޭނެ މަތީމިންވަރު ކަނޑައެޅުމާއި ބެހޭ ކޯލް ފޮރ އެކްޝަން ފާސްކޮށްފި

ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދުޝައިނީ- ފޮޓޯ: ސަން

ދިވެހިރާއްޖެއިން އިސްނަގައިގެން އިންޑިއާ ކަނޑުން އެކި ޤައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމާއި ބެހޭގޮތުން ހުށަހަޅާފައިވާ ގަރާރުގައި ބަޔާންކުރާ ކަންކަން ހާސިލްކުރުން އަވަސްކުރުމަށް ގޮވާލާ ކޯލް ފޮރ އެކްޝަން އެއް ފާސްކޮށްފިއެވެ.


ކޯލް ފޮރ އެކްޝަން ފާސްކުރުމަށް ބޭއްވި ސޮއިކުރުމުގެ ޙަފްލާ ބާއްވާފައިވަނީ މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ. މިގަރާރުގައި ސޮއިކޮށްފައިވާ ގައުމުތަކަކީ ދިވެހި ރާއްޖޭގެ އިތުރުން ސައުތު އެފްރިކާ، ޕާކިސްތާން، އަދި ސީޝެލްސްއެވެ.

ކޯލްފޯރ އެކްޝަންގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ ވީހާވެސް ގިނަ ޤައުމުތަކަކުން މި ގަރާރަށް ތާއިދުކޮށް ސޮއިކުރުމަށް ރާއްޖެއިން ބާރު އަޅަމުންދާނެ ކަމަށާއި، އެކަމާއި ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން ދާނެކަމަށެވެ.


ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި ފާސްކުރެވިގެން ދިޔަ ކޯލް ފޮރ އެކްޝަންގެ ސަބަބުން އިންޑިއާ ކަނޑުގެ އައްސޭރިފަށުގައި ހިމެނޭ ގައުމުތައް ބާރުވެރިކޮށް، ބޮޑުދަލުގެ މަސްވެރިކަން ކުރާ ޤައުމުތަކުން މި ސަރަހައްދުގައި ދަމަހައްޓަމުން އަންނަ ނުފޫޒު ކުޑަކުރެވޭނެއެވެ.

މީގެ އިތުރުންވެސް މިސަރަހައްދުގެ ގައުމުތަކުގައި ކުރެވޭ މަސްވެރިކަމުގެ ނަފާ އެންމެ ފުޅާ ދާއިރާއެއްގައި ލިއްބައިދިނުމަށް ދިވެހި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.


ދިވެހިރާއްޖެއިން އިސްނަގައިގެން، އިންޑިއާ ކަނޑުން އެކި ޤައުމުތަކަށް މަސްބޭނޭނެ މަތީ މިންވަރު ކަނޑައެޅުމާއި ބެހޭ ގަރާރެއް މިއަހަރުގެ މޭމަހު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 21 ވަނަ ބައްދަލުވުމަށް ވަނީ ހުށަހަޅާފައެވެ.

އަދި ދިވެހިރާއްޖޭގައި ކުރާ ކަނޑުމަސްވެރިކަމަކީ ތިމާވެއްޓާއި ރައްޓެހި އެންމެ ސާފު މަސްވެރިކަމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިރީތި ނަން ދަމަހައްޓާ އިތުރަށް އިސްތިހާރު ކުރުމަށް ސަރުކާރުން ކުރައްވާ ބުރަ މަސައްކަތްތަކުގެ ސަބަބުން، މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށްވެސް މަގުފަހިވެގެންދާނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...