ހޭންޑް ފުޓް އެންޑް މައުތު ޑިޒީޒްއާއި ގުޅޭ ބައެއް މައުލޫމާތު

މިދުވަސްވަރު ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެމުންދާ އެއް ބައްޔަކީ ހޭންޑް ފުޓް އެންޑް މައުތް ޑިޒީޒްއެވެ. ވައިރަހަކުން ޖެހޭ މިބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކުޑަކުދިންނަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑުއިރު، ކުޑަ ކުދިންގެ ތެރެއިންވެސް މިބަލި އެންމެ ފަސޭހައިން ޖެހޭ ކަމަށް ދިރާސާތަކުން ދައްކާފައިނީ އުމުރުން ދިހަ އަހަރުން ދަށުގެ ކުދިންނަށެވެ.

ފުރާނައަށް ގެއްލުން ނުވި ނަމަވެސް ހޭންޑް ފުޓް އެންޑް މައުތް ޑިޒީޒްއަކީ ނުރައްކާތެރި ބައްޔެކެވެ. މިބަލީގެ އަލާމާތްތަކަށް ބަލާއިރު ހުންއައިސް ބޮލުގައި ރިއްސުމާއި ކާހިތް ނުވުމާއި ކަރުތެރެ ފާރުވުމުގެ އިތުރުން ދުލާއި އަނގަތެރޭގައި ފޮޅު ނެގުމާއި އަތްތިލައިގައިއާއި ފައިތިލައިގައި ރަތްކުލައިގެ ފޮޅުތަކެއް ނަގައި، މީހާގެ ގައިގައި ވަރުދެރަވުން ހިމެނެއެވެ. މިބަލި ޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާތަކެތި އަދި ފޮޅުން ނިކުންނަ ދިޔަ އެހެން ކުއްޖެގައިގައި ޖެހިއްޖެނަމަ މިބަލި ފެތުރެއެވެ.

މީގެ އިތުރުން ކެއްސާ ކިނބިހި އަޅާއިރު ވައިގެތެރެއަށް ނުކުންނަ ޖަރާސީމުންވެސް މިބަލި ފެތުރޭ. މިއަދާ ހަމައަށް އައިއިރު މިބައްޔަށް ޚާއްސަ ބޭހެއް އަދި ވެކްސިނެއް ހޯދިފައިނުވި ނަމަވެސް، މި ބައްޔަކީ ޑޮކްޓަރުންގެ ލަފަޔާއެކު ބޭސް ކުރެވޭނެ ބައްޔެއް. އެގޮތުން މިބަލި ޖެހުމުން ފަރުވާއެއްގެ ގޮތުގައި ކުއްޖާއަށް ގިނަ ގިނައިން ދިޔާތަކެތި ދެވިދާނެ. އޭގެ ތެރޭގައި ކުރުނބާ ފެން، ކިރު އަދި ލޮނު ފެކެޓް ހިމެނޭ. ނަމަވެސް ހޫނު އަދި ހުތް އެއްޗިހި ދިނުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

އަދި ކާންދޭއިރު ކުއްޖާއަށް ދޭން އެންމެ ރަނގަޅު ވާނީ ޔޯގަޓާއި ކަސްޓަޑް ފަދަ ހަފަން ނުޖެހޭ ފަދަ ކާނާގެ ބާވަތްތައް. އަދި ހުން މަޑު ކުރުމަށާއި ތަދު ކެނޑުވުމަށް ޕެނަޑޯލް ކެވިދާނެއެވެ. ހުން މާގަދަވާނަމަ ގައިގައި ތެތްފޮތި ހޭކުމުން ހުންމަޑުވުމަށް މަގުފަހިވާނެއެވެ. އަދި މިބަލި ޖެހިއްޖެނަމަ އެންމެ ފަސޭހައިން ރަނގަޅުވާނެ އެއްގޮތަކީ އަރާމުކުރުމެވެ. މިބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮންނަން ވާނެއެވެ.

އެގޮތުން ފާޚާނާ ކުރުމަށްފަހު އަދި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހު، ކާއެއްޗެހި ތައްޔާރުކުމުގެ ކުރިންނާއި ކެއުމުގެ ކުރިން އަދި ފަހުން ރީތިކޮށް އަތް ދޮންނަން ވާނެއެވެ. އަދި އާންމުކޮށް އަތްލައި އުޅޭތަންތަނާއި ކުދިން ކުޅެން ގެންގުޅޭ ތަކެއްޗާއި، މޭޒު މަތި، އިސްކުރު، ދޮރުގެ ތަޅުފަދަ ތަކެތި ސާފުތާހިރުކޮށް ބެހެއްޓުމަކީ މިބަލިން ރައްކާތެރިވުމަށް އެޅިދާނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ.

ބަލިޖެހިފައިވާ ކުދިން މީހުން ގިނަ ތަންތަނަށް ގެންދިއުމުގައި ވެސް އެކުދިންނަށް ޚާއްސަ ސަމާލުކަމެއް ދީގެން ގެންގުޅުމަކީ އެބަލި ފެތުރުން ހުއްޓުވިދާނެ ގޮތެކެވެ. އަދި އުކާލެވޭ ނެފީފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލައި، ހަޑިވެފައިވާ އަންނައުނު ރަނގަޅަށް ސާފުކުރުމަކީވެސް މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުންވެސް އާންމު ސާފްތާހިރުކަމަށް އިސްކަން ދީގެން އުޅުމަކީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ. އަދި ދަރިފުޅު މާބޮޑަށް ހުންއައިސް ކާބޯތަކެތިން ދުރުހެލިވާ ކަމުގައިވާނަމަ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުންގެ ލަފާ ހޯދަން ޖެހޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...