އައިޝްވަރްޔާއަށް ފިލްމުތަކުން ފުރުސަތު ނުދިން ސަބަބު ޝާހްގެ ދުލުން

ޝާހްރުކްޚާން 5 ފިލްމަކުން އައިޝްވަރްޔާ ރާއީ ބޭރު ކުރިކަން އެނގޭހެއްޔެވެ؟

"ކިންގް ޚާން އަދި އޭޝް އެކުގައި ކުޅުނު ދެފިލްމު ކަމަށްވާ "މުހައްބަތޭން" އަދި "ދޭވްދާސް"އަށް ފަހު އެދެތަރިންނަށް ގިނަ ފިލްމުތަކެއްގައި އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެދެފިލްމަށްފަހު، ޝާހް-އޭޝްގެ ޖޯޑަކީ އެންމެ މަޤްބޫލް "އޮންސްކްރީން" ޖޯޑަށް ވެގެންދިޔައެވެ. ކޮންމެ ޕްރޮޑިއުސަރަކުވެސް ބޭނުންވީ އެދެމީހުންނަށް ފިލްމުތަކުގެ ލީޑުން ފުރުސަތު ދޭށެވެ. އެގޮތުން ޝާހްއާއި އައިޝްވަރްޔާއަށް އެކުގައި މަސައްކަތް ކުރަން ގިނަ ފިލްމުތަކަކުން ފުރުސަތު ލިބުނެވެ. އެހެންނަމަވެސް، ޝާހް ވަނީ އެފިލްމުތަކުން އައިޝްވަރްޔާ ބޭރުކޮށްފައެވެ.

އެގޮތަށް ޝާހް ކަންތައް ކުރީ ފިލްމު "ޗަލްތޭ ޗަލްތޭ"ގެ ޝޫޓިންގެ ތެރެއިން އައިޝްވަރްޔާގެ އޭރުގެ ލޯބިވެރިޔާ ސަލްމާން ޚާން ހިންގި ހަމަނުޖެހުމެއްގެ ސަބަބުންނެވެ. ޝާހް ވަނީ އެގޮތަށް ކަންކުރި ސަބަބު ކިޔާދީފައެވެ.

"މީހަކު ފިލްމަކަށް އިހްތިޔާރު ކުރުމަށްފަހު، އެ ފިލްމަކުން ބޭރު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އެއީ އައިޝްވަރްޔާގެ ކުށެއް ނޫން. އޭނާއަކީ ރައްޓެއްސެއް ވީމަ، އެކަން އެހެންވުމަކީ ހިނގި ދެރަ ކަމެއް" އިންޑިޔާ ޓުޑޭއަށް ދިން އިންޓަރވިޔުއެއްގައި ޝާހް ބުންޏެވެ.

"އަހަރެން ޤަބޫލް ކުރަން އައިޝްވަރްޔާއަށް އެ ފިލްމުތަކުން ފުރުސަތު ނުދެވުމަކީ ގޯސްކޮށް ކުރެވުނު ކަމެއްކަން. އެކަމަށް މައާފަށްވެސް އެދުނިން. އޭރު ދިމާވި ކަންތައްތަކާ ހެދި އެގޮތަށް ކަންކުރަން ޖެހުނީ." ޝާހް ބުންޏެވެ. އައިޝްވަރްޔާވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ސިމީގެ ޗެޓް ޝޯގައި އައިޝްވަރްޔާއާއި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ މިހެންނެވެ.

"އަހަރެންނާއި އެކީގައި ވަރަށް ގިނަ ފިލްމުތަކެއް ކުޅޭގޮތަށް ހަމަޖެހިފައި އޮތީ. އެކަމަކު ކުއްލިއަކަށް އެ މަސައްކަތްތައް ހުއްޓުނީ. އެއްވެސް ސަބަބަކާ ނުލާ. އަހަރެންނަކަށް އެއްވެސް ޖަވާބެއް ނުލިބޭ" އައިޝްވަރްޔާ އޭރު ބުނެފައިވެއެވެ.

އައިޝްވަރްޔާ ބުނީ އެފިލްމުތަކުގެ މަސައްކަތް ނުކުރެވުނީ އޭނާގެ ސަބަބުން ނޫން ކަމަށެވެ. އަދި އެމަސައްކަތްތައް ހުއްޓުމުން އެކަމާ ދެރަވި ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން ނާހަން ސަބަބެއް. ސަަބަބު ބުނަން ބޭނުންވާނަމަ، އެމީހަކު އަމިއްލައަށް ބުނާނެ. އަހަރެން އަމިއްލަ ނަފްސާ ސުވާލު އުފެއްދިން. އެކަމަކު މީހެއް ކައިރީގައެއް ނާހަން" އައިޝްވަރްޔާ ބުންޏެވެ.

ފިލްމު ޗަލްތޭ ޗަލްތޭގެ ސެޓުގެ ލަވައެއްގެ މަންޒަރެއް ނިންމުމަށްފަހު ފިލްމުގެ ކްރޫއިން ޕޫނޭއިން ދަތުރު ކުރަމުންދަނިކޮށް ސަލްމާން އައިސް ވަނީ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ. އެގޮތުން ދެން އޮތް މަންޒިލަށް ކުރި 4 ގަޑިއިރުގެ ދަތުރުގައި ސަލްމާން ހުރީ ކޮންޓްރޯލުން ނެއްޓިފައި ކަމަށް ނޫސްތަކުން ރިޕޯޓް ކުރެއެވެ. އެކަމާ ގުޅިގެން ޑައިރެކްޓަރު ނިންމީ ޝޫޓިން ކެންސަލް ކުރާށެވެ. އެހެންނަމަވެސް ކޮރިއޯގްރާފަރ ފަރާ ހާން ބޭނުންވީ ޝޫޓިން ކުރިއަށްގެންދާށެވެ. އައިޝްވަރްޔާވެސް ބޭނުންވީ އެގޮތެވެ.

ޝާހްއާއި އެކީގައި ދެން މަސައްކަތް ކުރާނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން ދާދިފަހުން އައިޝްވަރްޔާ ބުނީ މިހެންނެވެ.

"ޝާހްއާއި އެކީގައި ފިލްމެއް ކުޅޭނީ ކޮންއިރަކުންހޭ؟ ގިނަ އެކްޓަރުން ނިންމަނީ އެމީހުންނާއިއެކީގައި މަސައްކަތް ކުރާނީ ކޮން އަންހެން ތަރިއެއްކަން. އެހެންވީމަ، އެމީހުން ކައިރީގައި އަހާ. އެމީހުންނަށް އެނގޭނީ އަހަރެންނާއެކީގައި މަސައްކަތް ކުރަން ނިންމާނީ ކޮންއިރަކުންކަން"


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...