ރޭޕްގެ ތުހުމަތުގެ ހަގީގަތް ހާމަވެގެންދާނެ: ރޮނާލްޑޯ

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮލުގައި އެޅިފައިވާ ރޭޕްކުރުމުގެ އިލްޒާމުގެ ހަގީގަތް ހާމަވެގެން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަކީލުން ދީފައިވާ ކަމަށް ރޮނާލްޑޯ ބުނެފި އެވެ.

އޭނާގެ މިހާރުގެ ކްލަބު ޔުވެންޓަސްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުތަކަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނީ އޭނާ އަކީ ދަނޑުމަތީގަޔާއި، ދަނޑުން ބޭރުގައިވެސް ދިރިތިބީންނަށް މިސާލު ދައްކަންޖެހޭނެ ކުޅުންތެރިއެއް ކަމަށާއި އެކަން އޭނާ ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ކުޅެމުން މިއަންނަނީ ވަރަށް ރަނގަޅު ކްލަބަކަށް، އަހަރެންގެ ވަރަށް ރަނގަޅު އާއިލާއެއް އެބައޮތް. އަހަރެންގެ ހަތަރު ދަރިން އެބަތިބި އަދި އަހަރެންގެ ސިއްހަތުވެސް ހަމަ ބަރާބަރު. އަހަރެންގެ ހުރިހާ އެއްޗެއް އެބަހުރި، އެހެންވެ ބާކީ މިއޮންނަ ކަންތައްތަކަކުން އަހަންނަކަށް އަސަރެއް ނުކުރާނެ،" ރޮނާލްޑޯ ބުންޏެވެ. "މި ހާލަތާ ގުޅޭގޮތުން އަހަރެން ދޮގެއް ނުހަދާނަން، އަހަރެން މިހުރީ ހަމަ އުފަލުން. އަހަރެންގެ ވަކީލުން ވަރަށް އިތުބާރު އެބަކުރޭ އެހެންވެ އަހަރެންވެސް އިތުބާރުކުރަން."

ރޮނާލްޑޯގެ ބޮލުގައި ރޭޕްގެ ތުހުމަތުތައް އެޅުވީ އުމުރުން 34 އަހަރުގެ ކެތުރީން މަޔޯގާ ކިޔާ ފަރާތެކެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ކުރިން ރެއާލް މެޑްރިޑް އަދި މެންޗެސްޓާރ ޔުނައިޓެޑަށް ކުޅުނު ރޮނާލްޑޯ އޭނާ ރޭޕް ކުރީ އެމެރިކާގެ ލަސް ވެގާސްގެ ކޮޓަރިއެއްގައި 2009 ވަނަ އަހަރުގަ އެވެ.

"އަހަރެންގެ ފުޓްބޯޅަ އާއި އަހަރެން ހަޔާތާ މެދު އުފާކުރަން. ކަންކަން ބަލަން އަހަރެން ހަމަޖައްސާފަ މީހުން އެބަތިބި އަދި ޔަގީނުންވެސް، ހަގީގަތް ހާމަވެގެންދާނެ، އެހެންވެ އަހަރެން އުފާވޭ،" ރޮނާލްޑޯ ބުނެފައިވެ އެވެ.

ރޮނާލްޑޯ ރޭޕް ކުރިކަމަށް ތުހުމަތުކޮށް އެ ޚަބަރު ފުރަތަމަ ގެނެސްދިން ޖަރުމަނުގެ ޑާސްޕީގަލް ނޫހުން ރިޕޯޓުކުރާ ގޮތުގައި ކެތުރީން ވަނީ ކޯޓުން ބޭރުން ރޮނާލްޑޯ އާއެކު 375،000 އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އެ ދުވަހު ހިނގާދިޔަ ހާދިސާ ހާމަނުކުރުމަށް ސެޓެލްމަންޓަކަށް އައިސްފަ އެވެ. ނަމަވެސް، ކެތުރީންގެ ވަކީލުން މިހާރު ވަކާލާތުކުރަނީ އެއީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ޖިނާޢީ ތަޙުޤީގެއް ހިންގުމަށެވެ.

އެމެރިކާގެ ލަސް ވޭގަސްގެ ފުލުހުން ވަނީ 2009 ވަނަ އަހަރު އެކަހަލަ މައްސަލައެއް ތަހުޤީޤްކުރެވުނު ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް، އެއްވެސް ފަރާތަކަށް ތުހުމަތު ނުކުރެވޭ ކަމަށް އޭރު ބުނެފައިވެއެވެ. އެ ސިޓީގެ ފުލުހުން މި މަހުގެ ތެރޭ ބުނެފައިވަނީ އެ މައްސަލަ އަލުން ތަހުޤީޤްކުރަން ފަށާފައިވާ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...