ދަރިފުޅު އުފަލުގައި ބެހެއްޓުމަށް، ރަނގަޅު އާދަތައް ދަސްކޮށްދިނުމަކީ މުހިއްމު ކަމެއް!

މަންމަ އަކާއި ދަރިފުޅެއް:

ދުނިޔެ ކުރިއަރަމުން އަންނަ ވަރަކަށް ބެލެނިވެރިންނަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ވެއެވެ. އެގޮތުން ދިރިއުޅުން ކުރިއަށް ގެންދިއުމަށްޓަކައި ގިނަ ވަގުތު ވަޒީފާގައި އުޅެން ޖެހުމާ، ގޭގައި އަދާ ކުރަންޖެހޭ ޒިންމާތައް އިތުރުވުމާ އަދި ދަރިންނާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުވުމުގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ ދަތިތައް އިތުރުވެއެވެ. ނަމަވެސް މި ހުރިހާ ދަތި އުނދަގޫތަކާއެކުވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށް، މިކަމުގައި ކެތްތެރި ކަމާއެކު ކުރިއަށްދާ ބެލެނިވެރިން މަދެއް ނޫނެވެ.


ދަރިންގެ ކިބައިގައި އޯގާތެރިކަމާ، އިހްތިރާމް ކުރުމާ، ކެތްތެރިކަމާ، އިންސާނިއްޔަތުކަން ކަހަލަ ރަނގަޅު އާދަތައް ހަރުލެއްވުމުން، އެ ދަރީގެ ފަރާތުން މުޖުތަމަޢު އަށާއި، ތިމާއަށް ލިބޭނެ ފައިދާތައް ނުހަނު ގިނަގުނައެވެ. މި ކަންކަމާ ދޭތެރޭގައި ވިސްނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބެލެނިވެރިން ހެއްޔެވެ؟ ހަމަގައިމުވެސް ގިނަ ބެލެވެރިން ބޭނުންވާނީ އެ މީހުންގެ ދަރިން އެންމެ ހެޔޮގޮތުގައި އުފާވެރިކަންމަތީ ތަރުބިއްޔަތު ކުރާށެވެ. ކުދިން އުފަލުގައި ބަހައްޓަން ބޭނުންނަމަ ތިރީގައި މި ދަންނަވާ ކަންކަމަށް ސަމާލުކަން ދިނުން ކޮންމެހެން މުހިއްމެވެ.


1. ތިމާއަށް ލިބޭ މިންވަރަކުން އަބަދުވެސް ދަރިފުޅަށް ބޭނުންވާ ތަކެތި ހޯދައިދޭށެވެ. އޭރުން ތިމާ ދަރިފުޅާމެދު ފަރުވާ ބަހައްޓާ މިންވަރު ދަރިފުޅަށް އިހުސާސް ވާނެއެވެ. ނަމަވެސް ދަރިފުޅުގެ އުމުރާ ނުގުޅޭ ނުވަތަ ދަރިފުޅުގެ އުޅުމަށް ގޯސް ބަދަލުތައް އަންނަ ކަހަލަ އެއްޗެހި ހޯދައި ނުދޭށެވެ.


2. ދިރިއުޅުމުގައި ލިބޭ މިންވަރުން އުފާ ހޯދުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. އަދި ޅައުމުރުގައި ކުދިންނަށް ކޮންމެހެން ބޭނުންވާނެ ކަންކަމާ، ބޭނުން ނުވާނެ ކަންކަން ދަރިފުޅަށް ކިޔައި ދޭށެވެ.


3. ދިރިއުޅުމުގައި ދަރިފުޅު ދާން ބޭނުންވާ މަންޒިލަށް ދިއުމަށް، އޭނާއަށް އެހީތެރިވެދޭށެވެ. އަދި މާޔޫސްވެ މަޑުޖެހުމުގެ ބަދަލުގައި، ކެތްތެރިކަމާއެކު ކުރިއަށް ދިއުމަށް ދަރިފުޅަށް ހިތްވަރު ދޭށެވެ.


4. ކޮންމެ ކަމެއް ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، އަތުގައި ލާނެ ހެދުމާ، އުޅޭނެ ގެއަކާ، ބޯނެ ފެނާ، ކާއެއްޗެހި ހުރުމުގެ އިތުރުން ލޯބިވާ ފަރާތްތައް އެކުގައި ވާނަމަ، ތިމާއަކީ ތިހީކުރާ ވަރަށް ވުރެން ނަސީބު ރަނގަޅު މީހެކެވެ. އެކަން ތިމާގެ ދަރިފުޅަށްވެސް ވިސްނައިދޭށެވެ. އަދި އެކަމަށް ޝުކުރުވެރިވާން ދަސްކޮށްދޭށެވެ.


5. އަޅުގަނޑުމެން ދަރިންނަށް ވިސްނައިދޭންވީ މީހުންދެކެ އޯގާވެރި ކަމާއެކު ލޯބިވާށެވެ. އަދި މީހަކަށް އެއްޗެއް ދިނުމަށްފަހު ބަދަލުގައި އެއްޗެއް ލިބުމަށް އުއްމީދު ނުކުރުމަށް ކިޔައިދޭން ވާނެއެވެ. މިކަމުގައި އިސްލާމް ދީނުގައި އޮންނަ ރިވެތި އުސޫލުތައް ހިމަނަން ވާނެއެވެ.


6. ތިމާ ދެބަސްވާ ކަންކަމުގައިވެސް، އަނެކާއާ އިހްތިރާމާއެކު، މުހާތަބު ކުރުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. އަދި ހުރިހާ ކަމެއްގައި އެންމެން އެއްގޮތަކަށް ވިސްނުމަކީ މަޖުބޫރު ކަމެއް ނޫންކަން ވިސްނައިދޭން ވާނެއެވެ.


7. އެހެންފަރާތެއް ކުރާ ކަމެއްގެ ސަބަބުން ދަރިފުޅުގެ އުފަލަށް ހުރަސް އެޅުނަ ނުދޭށެވެ. އަދި ދިރިއުޅުމުގައި ހެދޭ "މިސްޓޭކްސް" އިން ފިލާވަޅު ދަސްކުރާނެ ގޮތްތައް އުނގަންނައިދޭށެވެ.


8. ބޭރުގައާއި ގޭގައި އުޅޭނެ ރީތި އާދަތައް ދަރިފުޅަށް ދަސްކޮށް ދޭށެވެ. ހާއްސަކޮށް އަންހެން ކުއްޖެއްނަމަ، މަންމަ ގޭގައި ކޮށްއުޅޭ ކުދިކުދި ކަންކަމުން އެއްޗެހި އުނގަންނައިދޭށެވެ. މިސާލަކަށް ގޭތެރެ ސާފުކޮށް ބޭއްވުމާ، އެއްޗެހި ހުންނަންޖެހޭ ތަންތަން ކިޔައިދޭށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...