ޚަޝޯގީގެ ލޯބިވެރިޔާގެ ފަރާތުން އޭނާއަށް ޚާއްސަ މެސެޖެއް

ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ ލޯބިވެރިޔާ ވަނީ އޭނާގެ ހަނދާނުގައި ވަރަށް އަސަރުގަދަ މެސެޖެއް ސޯޝަލް މީޑިޔާގައި ޕޯސްޓް ކޮށްފައެވެ.

އޭނާ އެ މެސެޖް ޕޯސްޓް ކޮށްފައިވާއިރު، ސައުދީ އަރަބިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ އެޤައުމުގެ ކޮންސިއުލޭޓުގައި ޚަޝޯޤީ މަރުވެފައިވާކަމަށް އެއްބަސްވެފައެވެ. އޭގެ ކުރިން ސައުދީއިން ބުނެފައިވަނީ، އޭނާ ކުރީގެ ކައިވެނީގެ ލިޔުންތަކެއް ހޯދަން ސައުދީ ކޮންސިއުލޭޓަށް ވަތް ފަހުން އެތަނުން ނުކުމެގެން ދިޔަ ކަމަށެވެ.

"އެމީހުން ވަނީ ތިބާގެ ހަށިގަނޑު އަހަރެންގެ ދުނިޔެއިން ވަކިކޮށްފައި. އެހެންނަމަވެސް ތިޔަ ހީލުން އަހަރެންގެ ފުރާނައިން ވަތްކެއް ނުކުރެވޭނެ" ހޮނިހިރު ދުވަހުގެ ހަވީރު ޚަޝޯޤީގެ ޓްވިޓަރ ގައި ލިޔެފައިވެއެވެ. އެހެން ލިޔެފައިވާ މެސެޖުގައި އިންޓަރވިޔުއެއްގެ ތެރެއިން ޚަޝޯޤީގެ އުނގަށް ބުޅަލެއް އެރުމުން އޭނާ ހޭ މަންޒަރު ފެންނަ ވީޑިޔޯއެއްވެސް ވަނީ ޕޯސްޓު ކޮށްފައެވެ.

ޚަޝޯޤީގެ ލޯބިވެރިޔާ ކުރި ޓްވީޓް.

ޚަޝޯގީ އޭނާގެ ލޯބިވެރިޔާއާއި ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ލިޔުންތަކެއް ހޯދަން އިސްތަންބުލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ގޮސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ އެތަނަށް ވަތްއިރު ލޯބިވެރިޔާ ހެޓިސް ހުރީ ކޮންސިއުލޭޓް ކުރިމަތީގައެވެ. އެތައް އިރަކު އޭނާ ޚަޝޯޤީގެ އިންތިޒާރުގައި ބޭރުގައި ހުއްޓެވެ. އެހެންނަމަވެސް އޭނާގެ ޚަބަރެއް ވެފައެއް ނުވެއެވެ.

"އަހަރެންނަކަށް ނޭނގޭ ޖަމާލު އެތެރޭގައި ހުރި ކަމެއް. އަހަރެން އޭނާ ހުރި ތަނެއް އެނގެން ބޭނުން. އެމީހުން އޭނާ ހައްޔަރު ކުރީތަ؟ ކިޑްނެޕް ކުރީތަ؟ " ޚަޝޯގީ ގެއްލުނު ދުވަހު ހެޓިސް ސީއެންއެންއަށް މައުލޫމާތު ދެމުން ބުންޏެވެ. އޭރު އޭނާ އެދިފައިވަނީ އޭނާގެ ނަން ހާމަ ނުކުރުމަށެވެ.

"އޭނާއަށް އެމީހުން ކާންބޯން ދޭތަ؟ އޭނާއަށް މި އަދަބު ހައްޤުތަ؟ އޭނާ އަކީ ޓެރަރިސްޓެއް ނޫން. އޭނާ އަކީ އެނަލިސްޓެއް އަދި ޖާނަލިސްޓެއް" ސީއެންއެންއަށް އޭރު ދިން އިންޓަރވިޔުއެއްގައި ކަރުނަ އަޅަމުން ހެޓިސް ބުންޏެވެ.

ޚަޝޯޤީ މަރުވެފައިވާކަމަށް ސައުދީ އަރަބިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނި ފަހުން، ތުރުކީގެ މީޑިޔާއިން ވަނީ އޭނާއާއި އޭނާގެ ލޯބިވެރިޔާ ފެންނަ ސީސީޓީވީ ފުޓޭޖް އާންމު ކޮށްފައެވެ. އެވީޑިޔޯގައި ފެންނަނީ ކައިވެނި ކޮށްގެން އުޅެން ޚަޝޯޤީ ގަނެފައިވާ އެޕާޓްމެންޓަކަށް އެދެމީހުން ވަންނަ މަންޒަރެވެ. ޚަޝޯޤީ ގެއްލުނުތާ ހަތަރު ދުވަސް ފަހުން ތުރުކީގެ މީޑިޔާތަކުން ވަނީ އޭނާ މަރާލާފައިވާކަން ހާމަ ކޮށްފައެވެ.

ހެޓިސް ބުނީ އޭރު އެވާހަކަތައް ޤަބޫލު ނުކުރާ ކަމަށާއި، އެކަން ޤަބޫލު ކުރީ ރަސްމީ ބަޔާނެއް ނެރުމުން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...