12 މެންބަރުންގެ މައްޗަށް އުފުލި ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގަދަބާރުން ވަދެގަތް ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި 12 މެންބަރުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގެންގޮސްފިއެވެ.

މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަނބުރާ ގެންގޮސްފައި މިވަނީ މިދައުވާއާއި ގުޅިގެން އަޑުއެހުންތަކެއް ވެސް ބޭއްވުމަށްފަހުއެވެ. ދައުލަތުން ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް ހާމަކޮށްފައެއް ނުވޭ.

ބާރަ މެންބަރުންގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކަށް ދައުވާކުރަން ފޮނުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެދެވަޑައިގެންނެވި ކަމަށް ބުނާ މައްސަލާގައެވެ. ނަމަވެސް މިމައްސަލާގައި ތުހުމަތުކުރާ މެންބަރުން ވިދާޅުވެފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލާފައި ނުވާނެ ކަމަށެވެ.
އަދި މެންބަރުން މަޖިލީހަށް ހާޒިރުވަނިކޮށް ފުލުހުންނަށް އެމެންބަރުން ހުއްޓުވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށްވެސް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކުރަން ފޮނުވި މެންބަރުންގެ ތެރޭގައި ހިމެނެނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ސާލިޙް އާއި، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު އާއި، ހެންވޭރު އުތުރުދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު އާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް އާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާޙް އާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިންގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް އާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާޙީމް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...