ދަރިފުޅު ކައިރީގައި އަބަދުވެސް މިވާހަކަތައް ބުނާތި

ބައެއް ފަހަރަށް މައިންބަފައިންނަށް ދަރިން ކައިރީގައި ބުނެވޭ އެއްޗެހީގެ ސަބަބުން އެކުދިންނަށް ހީނުކުރާ ފަދަ އަސަރުތަކެއް ކުރެއެވެ.

އެއީ ވިސްނާނުލާ ބުނެވޭ އެއްޗެއްސެވެ. އޮފީހުގައި ބުރަކޮށް މަސައްކަތުގައި އުޅުމަށްފަހު ގެއަށް އައިސް ދަރިންގެ ކިބައިން ފެންނަ ކުޑަ ކަމެއްގެ ސަބަބުން، އެކުދިންނަށް ރުޅި ބޭލެނީ މަދު ފަހަރަކު ނޫނެވެ.

" ދުވަހަކުވެސް ރަނގަޅެއް ނުވާނެ" "ކިހިނެއް މިވަރުން ބަލާނީ. އަބަދު ބަސްނާހާ އުޅެނީ" މިއީ ގިނަ މައިންބަފައިންނަށް ދަރިންނާ ދިމާއަށް ރައްދު ކުރެވޭ ބަސްތަކެވެ. އެފަދަ ބަސްތައް އެކުދިންގެ ހިތްތަކުގައި ހަރުލާ ހުންނާނެކަން ކޮންމެ ބެލެނިވެރިޔަކުވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ. އެހެނީ، އެފަދަ ބަސްތަކަކީ އެއް އިރެއްގައި ތިބާއަށްވެސް، ކުޑައިރު މައިންބަފައިންގެ ފަރާތުން ރައްދުވެފައި ހުންނާނެ ބަސްތަކެވެ.

ދަރިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކުރުމަށްޓަކައި އޯގާތެރި ބަސްތަކުން އެކުދިންނާއި މުޚާތަބު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ލިޔުމުގައި މިހިނަމާލަނީ އާދަކޮށް ދަރިފުޅު ކައިރީގައި ބުނުން އެދެވިގެންވާ 7 ވާހަކައެވެ.

"ދަރިފުޅު ދެކެ ވަރަށް ލޯބިވޭ"

މިއީ ދަރިފުޅު އެންމެ ކުޑައިރު، ދަރިފުޅު ކައިރީގައި އެންމެ ގިނައިން ބުނެވޭ އެއް ވާހަކައަށް ވާނެއެވެ. އެހެންނަމަވެސް ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް މި ވާހަކަ ދަރިފުޅު ކައިރީގައި ބުނެވޭލެއް މަދުވެއެވެ. އެހެން ނުހަދާށެވެ. ކޮންމެ ދުވަހަކުވެސް ދަރިފުޅު ދެކެ ލޯބިވާކަން ހާމަކުރާށެވެ. އެއީ ދަރިފުޅަށް ރަނގަޅު ކަންކަން ކުރަން ލިބޭނެ ހިތްވަރަކަށް ވާނެއެވެ.

"ދަރިފުޅަށްޓަކައި ފަޚުރުވެރިވަން"

ތިބާގެ ދަރިފުޅަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ މީހަކަށް ހެދުމަށްޓަކައި، ދަރިފުޅާއިމެދުގައި ފަހުރުވެރިވާކަން ހާމަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅަށް މުބާރާތަކުން ލިބުނީ ކޮންމެ ވަނައެއް ނަމަވެސް، ދަރިފުޅަށް ތައުރީފް ކޮށް، ހިތްވަރުދޭށެވެ. ދަރިފުޅަށް ހޯދުނީ ފަހުރުވެރި ކާމިޔާބީއެއްކަން ފާހަގަ ކުރާށެވެ.

"ހިތްވަރު ކުރޭ، އަދި ވާނެ"

މިއީ ދަރިފުޅަށް ހިތްވަރު ދިނުމުގެ ގޮތުން ބުނުން ވަރަށް މުހިންމު ވާހަކައެކެވެ. މުބާރާތަކުން އެދެވޭ ވަނައެއް ނުލިބުނަސް ދަރިފުޅު މާޔޫސްކޮށް ނުލާށެވެ. އޭގެ ބަދަލުގައި ދަރިފުޅަށް ހިތްވަރުދޭށެވެ. ދަށްކޮށް ޓެސްޓަކުން މާކްސް ލިބުނަސް އެކުދިންނާއި ދިމާއަށް ހަޅޭނުލަވާށެވެ. ޅެމެއް ކިޔަން ނޭނގުނީތީ ތިބާގެ ދަރިފުޅު ދެރަކޮށްނުލާށެވެ. މިއަދު ނުވިޔަސް އަދި އެކަން ވާނެ ކަމަށް ބުނެ ދަރިފުޅުގެ ހިތްހަމަޖައްސައިދޭށެވެ.

"ދަރިފުޅަށް އިތުބާރު ކުރަން"

ގިނަ ފަހަރަށް މައިންބަފައިންނަށް ދަރިންނަށް މިބަސް ރައްދު ކުރެވެނީ، ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް ނިންމުންތައް ނިންމަން ފެށުމުންނެވެ. މި ބަސްބުނުމަކީ ދަރިންނަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރު ކޮށްދޭނެ ބަހެކެވެ. އަދި ޒިންމާ ނަގަންވެސް ދަސްކޮށްދޭނެއެވެ. ދަރިންނާއި ގާތް ގުޅުމެއް ބާއްވާ، ކޮންމެ ކަމެއްވެސް ހިއްސާ ކުރެވޭނެ ބަޔަކަށް މައިންބަފައިން ވާންޖެހެއެވެ. އޭރުން ދަރިން ކަންކަން ސިއްރެއް ނުކުރާނެއެވެ.

"ޝުކުރިއްޔާ"

ކުޑައިރުއްސުރެ ދަރިން ކައިރީގައި ކުދި ކުދި ކަންކަން ކޮށްދިނުމަށް އެދި، އެކުދިންނަށް ޝުކުރުވެރިވުމަކީ މުހިންމު ކަމެކެވެ. އޭރުން އެކުދިންނަށް އަމިއްލަ ނަފްސުގެ މުހިންމުކަން އިހްސާސް ވާނެއެވެ. ކުޑަ އިރު ކުޅޭ އެއްޗެހި އަމިއްލައަށް ނެގުން ފަދަ ކުޑަ ކަމެއް ކުރުމުންވެސް "ޝުކުރިއްޔާ"އޭ ބުނެލެވިދާނެއެވެ.

"އެހީތެރިވެދީ"

ކޮންމެ މީހަކީވެސް މުހިންމު މީހެއްގެ ގޮތުގައި އަމިއްލައަށް އިހްސާސްވާން ބޭނުންވާނެ މީހެކެވެ. އެހެންކަމުން ތިބާގެ ދަރިފުޅު ކައިރީގައި ކުޑަ ކަމެއްގައި ނަމަވެސް އެހީތެރިކަމަށް އެދޭށެވެ. އެކަމުގެ ސަބަބުން ދަރިފުޅުގެ ހިތަށް އުފާވެރިކަން ގެނުވައެވެ. އަދި މައިންބަފައިންނަށް ކަންކަމުގައި އެހީތެރިވެދޭ ހިތް ކުރުވައެވެ.

"ދަރިފުޅު ހުންނާތީ ވަރަށް އުފާވޭ"

ބައެއް ފަހަރު ދަރިންނަށް ދުނިޔޭގައި ދިމާވާ ކަންތައްތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރުވައެވެ. ޚާއްސަކޮށް ފުރާވަރުގެ ދުވަސްވަރުއެވެ. އެދުވަސްވަރު މައިންބަފައިން ދަރިންދެކެ ލޯބިވާ ކަމާމެދު ދަރިން ސުވާލުވެސް އުފައްދާތަން އާދެއެވެ. އެހެންކަމުން، ފުރާވަރުގެ ދުވަސްވަރު ދަރިންނާއި ގާތް ގުޅުމެއް ބާއްވާ، ދަރިންނާއި އެކީގައި ހަޔާތް ވޭތުވަމުންދާތީ އުފާވާކަން ހާމަ ކުރަންޖެހެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...