ޗެލްސީގެ ކުރީގެ ކައްޕި ކޯޗިންނާ ދިމާލަށް

ޗެލްސީ އަދި އެސްޓަން ވިލާގެ ކުރީގެ ކައްޕި ޖޯން ޓެރީ --

އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ މަޝްހޫރު އެސްޓަން ވިލާގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމަށް ޗެލްސީގެ ކުރީގެ ކައްޕި އަދި އެ ކްލަބުގެ ލެޖެންޑް ޖޯން ޓެރީ އައްޔަންކޮށްފި އެވެ.

އިނގިރޭސި ގައުމީ ޓީމަށްވެސް ކުރިން ކައްޕިކަން ކޮށްދިން އުމުރުން 37 އަހަރުގެ ކުޅުންތެރިއާ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލައި އެސިސްޓެންޓް ކޯޗުގެ މަގާމަށް ޓެރީ އައްޔަންކުރެވުނު އިރު، އޭނާ އެންމެ ފަހުން ކުޅެމުން ގެންދިޔައީވެސް އެސްޓަން ވިލާ އަށެވެ. އޭނާ ވަނީ އެސްޓަން ވިލާގެ ޑިފެންސްލައިނުގައި މުހިންމު ދައުރެއް އަދާކޮށް އެ ކްލަބުގެ ކައްޕިކަންވެސް ކޮށްދީފަ އެވެ.

ޗެލްސީ އަށް ޓެރީ 700 އަށްވުރެ ގިނަ މެޗު ކުޅެދިން އިރު، އޭނާ ވަނީ އެ ކްލަބާ އެކު ފަސް ޕްރިމިއާ ލީގު ތައްޓާއި ފަސް އެފްއޭ ކަޕް އަދި އެއް ޗެމްޕިއަންސް ލީގުގެ ޓްރޮފީ ހާސިލްކޮށްފަ އެވެ.

އެސްޓަން ވިލާގެ އެސިސްޓެންޓް ކޯޗަކަށް ޓެރީ ހަމަޖެއްސި އިރު، އެ ކްލަބުން ވަނީ ކޯޗުކަމުގެ މަގާމަށް ޑީން ސްމިތު އައްޔަންކޮށްފަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ ކޯޗުކަމުގައި ހުރި ސްޓީވް ބްރޫސް މަގާމުން ދުރުކޮށްފަ އެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެސްޓަން ވިލާގެ ކޯޗަކަށް ކުރީގެ މަޝްހޫރު ކުޅުންތެރިއާ ތިއެރީ އޮންރީ ގެންނަން އެ ކްލަބުން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް، އޮންރީ ވަނީ އެ ކްލަބުގެ ހުށަހެޅުންތަކަށް ދެކޮޅު ހަދާފަ އެވެ.




މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...