އިންތިޚާބާއި ގުޅިގެން ކޯޓަށް ހުށަހެޅި މައްސަލައަށް ޖަވާބުދާރީ ވުމަށް އީސީއަށް އަންގައިފި

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަށް ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައިފިއެވެ. 

ސުޕްރީމް ކޯޓުން އީސީއަށް އަންގަވާފައިވަނީ އެ މައްސަލައަށް އަންނަ ހޮނިހިރު ދުވަހުގެ އެގާރަގަޑި ސުންމިނެޓުގެ ކުރިން ޖަވާބުދާރީ ވުމަށެވެ. ސުޕްރީމް ކޯޓްގައި އެ މައްސަލައިގައި އިބްތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު 9:45 ގައި ބާއްވާފައިވެއެވެ. އެ މައްސަލައިގެ ލިޔުންތައް އިލެކްޝަންސް ކޮމިޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު، ޕީޕީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ. 

ޕީޕީއެމްއިން ބުނީ އިންތިޚާބާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެންބަރުން މިހާރު ތިއްބެވީ ރާއްޖެއިން ބޭރުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...