"ޗެނަލް 13" އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން

ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އާއްމުކުރި ބަޔާނުގައި ބުނެފައިވާގޮތުން، ސެޕްޓެންބަރ 23 ވީ އާދިއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ، އިންތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންނާއި ސަރުކާރުން ޤަބޫލުކުރައްވައި ބަޔާން ނެރުއްވާފައިވަނިކޮށް، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި އިންތިޚާބުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް، އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެހެނިހެން މެމްބަރުންގެ އަބުރާއި އިއްޒަތަށް ހުތުރުވާ ގޮތަށް، ޞައްޙަނޫން ޚަބަރުތަކާއި މަޢުލޫމާތު، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން ތަކުރާރުކޮށް ފޮނުވަމުންދާ ކަމުގެ ޝަކުވާތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަނީ ހުށަހެޅިފައެވެ.

އަދި ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި، ޤާނޫނު ނަންބަރުބްރޯޑްކާސްޓްކުރުމުގެ ޤާނޫނު އާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، ޤާނޫނު އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ސަމާލުވުމަށް އެ ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

އަދި މުޒާހަރާތަކާއި އެއްވުންތައް ވަގުތުން ބްރޯޑްކާސްޓްކުރުމުގައި، ޤާނޫނު ނަންބަރު:ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވުމެއް އެއްކޮށް ލައިވްކޮށް ބްރޯޑްކާސްޓްކުރާނަމަ، 60 ސިކުންތުގެ ލަސްކުރުމެއް ލައިގެން ބްރޯޑްކާސްޓްކުރުމަށް ސަމާލުވުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން  ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާގޮތުން، ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުންގެންދާ ކޮންޓެންޓެއްގެ ސަބަބުން ޤައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަން ދެއްވުންވެސް އެދޭ ކަމަށެވެ.

އަދި، ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައިވެސް ދަންނަވާ ކަމަށް އެ ބަޔާނުގައިވެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...