ސިޔާދު ގާސިމްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލުކޮށްފިއެވެ.
ދައުވާ ބާތިލުކުރަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މަދަނީ މިންގަނޑުން ބަލާއިރު ދައުވާ ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނާތީ ބާތިލުކުރީ ކަމަށެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާދު ހައްޔަރުކުރީ މިއަހަރުގެ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. ފުލުހުން އެ ދުވަހު ކުއްލިގޮތަކަށް ވިލާ ހައުސް އިމާރާތަށްވަދެ އެ އިމާރާތް ފާސްކުރުމަށްފަހު އިބްރާހިމް ސިޔާދު ގާސިމް ފުލުސް އޮފީހަށް ގެންގޮސްފައިވަނީ ވިލާ ހައުސްގެ ހަވަނަ ފަންގިފިލާގައި ހުންނަވަނިކޮށެވެ.
އޭގެ ފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށްފަހު މާޗު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މިއަހަރުގެ މެއިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ. އެހެން ނަމަވެސް، ދައުވާ އިއްވުމުން ސިޔާދުވަނީ އެދުވަހު ދައުވާއަށް އިންކާރު ކުރައްވާފައެވެ.
ސިޔާދުގެ މައްޗަށް ކުރި ދައުވާ ބާތިލުކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދު އާއި އަލީ ހަމީދު އާއި ދެކޮޅަށް ދައުލަތުން ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ އަޑުއެހުމެއްވެސް މިއަދު އޮންނާނެއެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.