ގާސިމް ކުރި ރީޓްވީޓެއް އަތަށް ގޮވައިފި!

އިދިކޮޅު ކޯލިޝަނުގެ ރޫހާނީ އެއް ލީޑަރު ގާސިމް އިބްރާހިމް ޓްވިޓާރގައި ކުރެއްވި ރީޓްވީޓެއްގެ މައްސަލަ ހޫނުވެ އިދިކޮޅުގައި ހިމެނޭ އެހެނިހެން އާންމު މެންބަރުންގެ ފަރާތުން ބޮޑު ފާޑުކިޔުމެއް އެމަނިކުފާނަށް އަމާޒުވެއްޖެ އެވެ.

ގާސިމް އިބްރާހިމަށް ފާޑުކިޔުން އަމާޒުވީ ޓްވިޓާރގައި އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރުމާ ގުޅިގެންނެވެ. އަލްހާން ކުރެއްވި ޓްވީޓްގައި އެމްޑީޕީގެ ރޫހާނީ ލީޑަރު މުހައްމަދު ނަޝީދުގެ ފޮޓޯއެއް ހިމަނައި ލިޔުއްވާފައިވަނީ ޝަރީއަތުން ނިންމާފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށާއި ވެރިކަން ލިބުނީމާ ޤާނޫނާ ހިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާހުރި ކަމެއް ކަމަށެވެ. އަދި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާން ފަހުމީ ވަނީ ވިދާޅުވެފަ އެވެ.

އަލްހާން ފަހުމީގެ އެ ޓްވީޓް ރީޓްވީޓް ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ސޯޝަލް އެކްޓިވިސްޓުން ވަނީ ޓްވިޓާރގައި ގާސިމް އިބްރާހިމަށް ގިނަ އަދަދެއްގެ ފާޑުކިޔުންތަކެއް އަމާޒުކޮށް ގާސިމްގެ އަގު ވައްޓާލާފަ އެވެ. އެހެން އެކްޓިވިސްޓަކު ބުނެފައިވާ ގޮތުގައި ގާސިމް އުޅުއްވަނީ މޮޔަފުޅުވެގެން ކަމަށެވެ. ޖަޒީރާ ރާއްޖޭގެ ނަމުގައި ޓްވިޓާރ ބޭނުންކުރާ ފަރާތެއް ބުނީ ގާސިމް ރީޓްވީޓް ކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ސައިޒު އޮޅިގެން ނޫޅުއްވުމަށް ކަމަށެވެ.

ހުތުރު ބަސްތައް ބޭނުންކޮށްގެންވެސް ގާސިމާ ދިމާކޮށްފައިވާ އިރު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންވެސް ވަނީ ގާސިމަށް ފާޑުވިދާޅުވެފަ އެވެ. އެ ހުރިހާ ފާޑުކިޔުންތަކެއް އަމާޒުވުމާ އެކު ގާސިމް އިބްރާހިމް ވަނީ އިރުކޮޅެއް ފަހުން ޓްވީޓެއް ކުރައްވާފަ އެވެ.

ގާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ އަލްހާން ފަހުމީގެ ޓްވީޓް ރީޓްވީޓް ކުރެއްވީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަަމަށެވެ. އިތުރަށް ގާސިމް ވިދާޅުވީ ކީރިތި ރަސޫލާގެ ހަދީޡް ބަސްފުޅެއްގެ މާނާގައި ވަނީ ބަސް ބުނި މީހާޔަށް ނުބަލައި ބުނި ބަހަށް ބެލުމަށް ކަމަށެވެ. އެ ޓްވީޓާ ގުޅިގެންވެސް އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ގާސިމަށް އިތުރު ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

ވެލާނާ ކިޔާ މީހެއް ޓްވިޓާރގައި އެހި ގޮތުގައި ކޮން ގާނޫނީ ހައިސިއްޔަތަކުންތޯ ގާސިމް އިބްރާހިމް ކޯޓުތަކަށް ނުފޫޒު ފޯރުވައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ގެންދެވީ ކަމަށެވެ. އޭނާ ބުނި ގޮތުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން ޖޯކަކަށް ވަނީ މިކަހަލަ ސަބަބުތަކާ ހުރެ ކަމަށެވެ. އަދި ކޮރަޕްޓް، ދެފުއްކެހެރި އެލީޓުން ހުދު ފޮއްޗަކުން ރީތިކޮށް، އަމިއްލަ ބޭނުންތަކަށް ކައިވެނިކޮށްގެން މަސައްކަތްކުރާ ތަން ފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި މިހުރިހާ ކަމެއް ފެށިގެން މިއުޅެނީ އަދުލު އިންސާފުގެ ނަމުގައި ކަމަށްވިޔަސް ހަގީގަތަކީ އެއީ ނޫން ކަމަށްވެސް ވެލާނާ ބުނެފައިވެ އެވެ.

އަލްހާން ފަހުމީ ލިޔުއްވި ވާހަކަތަކެއް ރީޓްވީޓް ކުރެއްވުމާ ގުޅިގެން ގާސިމަށް ގިނަ އަދަދެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މިދަނޑިވަޅުގައި އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމެއްގައި ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ސަރުކާރުގެ ވަޒީރަކަށް އައްޔަން ކުރައްވަން އުޅޭ ކަމަށް ބުނެވެސް އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ގާސިމާއި ނަހުލާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ނަހުލާގެ ޒާތީ ކަންކަމަށް ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ހިމަނައިގެން އެމްޑީޕީގެ އެކްޓިވިސްޓުން ޓްވީޓްކުރަމުން ގެންދާ އިރު، ބައެއް މީހުން ވަނީ ގާސިމާއި ނަހުލާގެ ބޭފުޅުންނަކީ އޭޓީއެމް މެޝިންތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަނަށް ވެރިކަމުގެ ހުވާ ނުކުރެވެނީސް ފެނިގެން މިދަނީ ކޯލިޝަން ރޫޅެމުން ދާ މަންޒަރެވެ. ކޯލިޝަން ކޯޅޭޝަނަށް ބަދަލުވެ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފުރައްސާރަ ކުރަމުންދާ މަންޒަރެވެ. އިންތިހާބީ ރައީސް އިބޫ އަށް ކުރިން އޮތް ފޯކަސް ކުރީގެ ރައީސް ނަޝީދަށް ބަދަލުވެ އެމްޑީޕީން ކޭކުގެ ބޮޑު ފަޅި ކާލަން މަސައްކަތް ކުރާއިރު ސުވާލަކީ ފެނާއި ތެލާއި އެއްވާނެކަމަށް ބުނެ ހެދި ކޯލިޝަންގެ އުމުރު ކިހާ ދުވަހަކަށް ދެމިގެންދާނެތޯ؟ ފެނާއި ތެލާއި އެއް ނުވެ ކޭކު އެއްކޮށް އެމްޑީޕީން ކާލުމުގެ މަލަމަތި ފެންނަމުންދާއިރު އިދިކޮޅުގައި ދެންތިބި ލީޑަރުން ހައްދަވާނީ ކިހިނެއްތޯ މިއީ އުފެދޭ ސުވާލެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...