ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި އެންމެ ގިނައީ ޑިޕްރެޝަން - އެޗްޕީއޭ

ނަފްސާނީ ބަލިތަކާއި އެ ބަލިތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ތެރެއިން ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި އެންމެ ގިނައީ ޑިޕްރެޝަން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އެބަލިތަކަށް ހުށަހެޅެނީ އުމުރުން 14 އަހަރުގައެވެ. އެހެންނަމަވެސް މި ބަލިތައް ދެނެގަނެ މި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ މިންވަރު މަދެވެ. ނަފްސާނީ ބަލިތަކާއި އެ ބަލިތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ތެރެއިން ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި އެންމެ ގިނައީ ޑިޕްރެޝަންއެވެ. ދެވަނައަށް އެންމެ ގިނައީ ނަފްސާނީ ބަލިތަކާއި ގުޅިގެން ދިމާވާ ކަންތައްތައް ތަހައްމަލު ނުކުރެވި އަމިއްލައަށް މަރުވުމެވެ. މި އުމުރު ފުރާއަކީ 15 އަހަރާއި 29 އަހަރާއި ދެމެދެވެ. އަދި މިކަންކަމުގެ ތެރެއިންވެސް އެންމެ ކަންބޮޑުވާ ކަމަކީ ފުރާވަރު އުމުރުގެ ކުދިން މަސްތުވާތަކެއްޗަށް ހުށަހެޅޭ މިންވަރު އިތުރުވެ ނޭދެވޭ ކަންތަައްތައް ކުދިންގެ މެދުގައި އިތުރުވުމެވެ. 

އެހެންކަމުން އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިންގެ ތެރޭގައި ނަފްސާނީ ބަލިތައް ދެނެގަނެ އެކަންކަމަށް އެހީތެރިވެވޭނެ ގޮތްތަކެއް ހޯދުމަކީ މުހިއްމު ކަމެކެވެ. ފުރާވަރު އުމުރުގެ ކުދިންގެ ތެރޭގައި ނަފްސާނީ ބަލިތައް ދެނެގަނެ އެކަމަށް ފަރުވާ ހޯދޭ މިންވަރު އިތުރުވެގެން ދިޔުމަކީ ހަމައެކަނި ފުރާވަރު އުމުރު ކުދިންގެ ސިއްހަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތެއް ނޫނެވެ. މިކަމަކީ މީގެ ސަބަބުން ދުޅަހެޔޮ އާއިލާތައް ބިނާކުރުމާއި، ޤައުމުގެ އުފެއްދުންތެރިކަމާއި ފުދުންތެރިކަން އިތުރުވެގެންދާނެ ކަމެކެވެ. 

ފުރާވަރު އުމުރުފުރައިގެ ކުދިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ކުރީކޮޅުގައި ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިކަމުގައި ބެލެނިވެރިންނާއި ޓީޗަރުންގެ އެހީތެރިކަން ހޯދިދާނެއެވެ. ގޭތެރޭގައްޔާއި ސްކޫލްތަކުގައި ކުދިންނަށް ދިމާވާ ކަންތައް ދެނެގަނެ އެކުދިން އެކަމުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެވޭނެއެވެ. އަދި މުޖުތަމައުގައި ދިމާވާ ކަންތައްތަކުގައި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ކުދިންނަށް ސައިކޯ ސޯޝަލްގެ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ހަމަމިއާއެކު، ނަފްސާނީ ބަލި ދެނެގަނެ އެކަމަށް ފަރުވާ ދޭނެ ގޮތްތަކާ ބެހޭގޮތުން ސިއްހީ އެހީތެރިން ތަމްރީނުކުރުމަކީވެސް މުހިއްމު ކަމެކެވެ. މިކަންކަމަކީ ސަރުކާރާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމެކެވެ.

ދުނިޔޭގެ ނަފްސާނީ ބަލި މީހުންގެ ދުވަހަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން (ޑަބްލިޔު.އެޗް.އޯ) އިން އިސްނަގައިގެން ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10 ގައި ފާހަގަކުރެވޭ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ނަފްސާނީ ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ދޭދޭ ޤައުމުތަކުގެ ސަރުކާރުތަކާ، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމެވެ. މި ދުވަސް ފާހަގަކުރުމަށް ކޮންމެ ދުވަހަކުވެސް ދުވަހާގުޅޭ ޝިއާރެއްކަނޑައަޅައެވެ. މި އަހަރުގެ ޝިއާރުގައި އަލިއަޅުއްވާލާފައިވަނީ ބަދަލުވަމުންދާ ދުނިޔޭގައި އަދި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން ފުރާވަރު އުމުރު ފުރައިގެ ކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކަށެވެ.

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނޭޝަނަލް މެންޓަލް ހެލްތު ޕްރޮގްރާމްގެ ފަރާތުން ނެޝަނަލް މެންޓަލް ހެލްތު ޕޮލިސީއެއް 2017 ވަނަ އަހަރު ވަނީ ތައްޔާރު ކުރެވިފައެވެ. މި ޕޮލިސީގެ ދަށުން ފަސް އަހަރު ދުވަހުގެ ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައިވެއެވެ. އަދި މި ސްޓްރެޓެޖިކް ޕްލޭންގެ ދަށުން "ނަފްސާނީ ސިއްހަތުގެ ޤައުމީ ސިޔާސަތު" އެއް ތައްޔާރުކުރުމަށް މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ފަރުވާ ހަރުދަނާ ކުރުމަށް އަތޮޅުތެރޭގައި ނަފްސާނީ ބަލި މީހުންނަށް ހާއްސަ ޔުނިޓްތަކެއް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. ސްކޫލްތަކުގައްޔާއި މަސައްކަތު މާހައުލުގައި ނަފްސާނީ ދުޅަހެޔޮޮކަމަށް ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ރާވައިގެން، މަސައްކަތް ކުރެވެމުން ދެއެވެ. އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްރަށުގައި ޤާއިމްކުރެވިފައިވާ އެސް.ޓީ.އޯ ގެ ބޭސްފިހާރަތަކުން ނަފްސާނީ ބަލިމީހުންގެ ބޭސް ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ނަފްސާނީ ބަލިން މުޖުތަމައު ދުރުހެލިކުރުމަށްޓަކައި އާއިލާ ތެރެއިންނާއި ސްކޫލްތަކުންނާއި ޓީޗަރުން އަދި މުޖުތަމައުގެ ދޭދޭ ފަރުދުން މަސައްކަތްކޮށް، ކުދިންގެ ފަރާތުން އެކުދިންނަށް ދިމާވާ ކަންތައްތައް އޮޅުންފިލުވައި އެކަމާއި މެދު ކަންތައްތައް ކުރާނެ ގޮތް އޮޅުންފިލުވައިދިނުން ވަރަށް މުހިންމެވެ. މި ބަލިން އެންމެ ފަސޭހައިން ދުރުހެލިވެވޭނީ އެންމެންގެ އަޅާލުމާއި ލޯބި ލިބިގެންނެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން އޮކްޓޯބަރު 12 ވާ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ސޯޝަލް ސެންޓަރ ސަރަހައްދުގައި ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...