އަލޯކް ނާތަށް ރޭޕްގެ ތުހުމަތު ކޮށްފި

ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު ވިންތާ ނަންދާ ރޭޕް ކޮށް، އަދި އެކި ފަހަރު މަތިން އޭނާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އެކްޓަރު އަލޯކް ނާތުގެ މައްޗަށް ކޮށްފިއެވެ.

އަލޯކް ނާތަކީ އެކި ފިލްމުތަކުގައި ވަރަށް ރަނގަޅު ބައްޕައެއްގެ ރޯލުން ގިނަ ބަޔެއްގެ ތަރުހީބާއި ލޯބި ހޯދާފައިވާ މީހެކެވެ. އަދި ބައެއް ޓީވީ ޝޯތަކުންވެސް އަލޯކް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ސްޓަރ ޕްލަސްއިން ގެނެސްދިން "ސަޕްނާ ބާބުލް ކާ ބިދާއީ"ގައި އަލޯކް ކުޅުނު ރޯލެވެ.

އަލޯކަށް ރޭޕްގެ ތުހުމަތު ކުރި ވިންތާ ބުނީ، އަލޯކް އޭނާ ރޭޕް ކޮށްފައިވަނީ މީގެ 19 އަހަރު ކުރިން ކަމަށެވެ. އަދި އެވާހަކަ ހިއްސާ ކުރުމަށް އޭނާއަށް ހިތްވަރު ލިބުނީ ބޮލީވުޑްގައި ފެށިގެން އުޅޭ "މީޓޫ" މޫވްމަންޓްގެ ސަބަބުން ކަމަށެވެ. ބޮލީވުޑްގެ ގިނަ އަންހެން ފަންނާނުން އަންނަނީ އެމީހުންނަށް ކުރިމަތިވެފައިވާ ޖިންސީ ފުރައްސާރައިގެ ވާހަކަތައް މީޑިޔާތަކާއި ހިއްސާ ކުރަމުންނެވެ.

ވިންތާ އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަލޯކް އޭނާ ރޭޕްކޮށްފައިވަނީ މަޝްހޫރު ސީރީޒް "ތާރާ"ގެ ޝޫޓިންގެ ތެރެއިން ކަމަށެވެ. އެވާހަކަ ވިންތާ ހާމަކުރުމާއެކު "ތާރާ"ގެ ގިނަ އެކްޓަރުން ވަނީ ވިންތާއަށް ހިތްވަރުދީ، އޭނާއާއި އެކީގައި ހުރިކަން ހާމަ ކޮށްފައެވެ.

އަލޯކް ވަނީ އޭނާއާއި ދެކޮޅަށް ވިންތާ ދެއްކި ވާހަކަތަކަށް އިންކާރު ކޮށްފައެވެ. އަދި އެކަމުގެ ތަފްސީލް ހާމަކުރަން ޕްރެސް ކޮންފަރެންސްއެއް ބާއްވާނެ ކަމަށްވެސް އޭނާގެ ލީގަލް ޓީމުން ވަނީ ހާމަކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...