ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް މަދުކުރަން ބޮޑު މަސައްކަތެއް ކުރަން ޖެހިފައި!

ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް މަދުކުރުމަށް ދުނިޔޭގެ އެންމެ ބޮޑު ރެއިންފޯރެސްޓް، ނުވަތަ ގުދުރަތީ ގޮތުން ހެދިފައިވާ އެންމެ ބޮޑު ޖަންގަލި ކަމަށްވާ ބްރެޒިލްގެ އެމަޒަން ރެއިންފޯރެސްޓާ އެއް ވަރެއްގެ ބިމެއްގައި ގަސް އިންދަން ޖެހޭނެ ކަމަށާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެކަނި ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް މައިތިރި ނުކުރެވޭނެ ކަމަށް ޝެލް ކުންފުނީގެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.

އދ ގެ ކްލައިމެޓް ޗޭންޖް ރިޕޯޓުން ދައްކާ ގޮތުގައި ކުރިއަށް ހުރި އަހަރުތަކުގައި 1.5 ސެލްސިއަސް ޑިގްރީ އަށް ދުނިޔޭގެ ޓެމްޕަރޭޗާރ ހިއްލޭނެ އެވެ. އެހެން ކަމުން، އެ ބަދަލާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނޭދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އަންދާޒާކުރެވެ އެވެ. އޭގެ ތެރޭގައި ކަނޑުގެ ފަށަލަޔާ ކައިރިން ތިރިތިރިން ހެދިފައިވާ ޖަޒީރާ ގައުމުތަކަށް ޚާއްސަ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އަދި ކަނޑުގެ ޓެމްޕަރޭޗާރ މަތިވެ، މުރަކަތަކާއި ފަރުތަކަށްވެސް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

ދުނިޔޭގެ ޓެމްޕަރޭޗާރ އުފުލި، ބޮޑެތި ބަދަލުތަކެއް އައުމުގެ ކުރިން އެކަން ހައްލު ކުރެވޭނެ ހަމައެކަނި ގޮތަކީ ގިނަ އަދަދެއްގެ ގަސްތަކެއް އިންދުން ކަމަށް އދ ގެ އިންޓާރ ގަވަރންމަންޓަލް ޕެނަލުންވެސް ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް ދުނިޔޭގެ އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ އަމާޒަށް ވާސިލްވުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ކޮމާޝަލް ގޮތުން ބަލަން ޖެހޭނެ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. އެގޮތުން ސަރުކާރުތަކުގެ ސިޔާސަތުތަކާއި ރެގިއުލޭޓޮރީ ކަންތައްތަކަށް ބަލާއިރު އިގްތިސާދަށް ކުރާނެ އަސަރުތަކަށްވެސް އެ ފަރާތްތަކުން ބޮޑު އަހަމިއްޔަތު ކަމެއް ދޭން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ވަނީ ފާހަގަކުރައްވާފަ އެވެ.

ގައުމުތަކުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނަސް، އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ތެލަށް ބަރޯސާވާން ޖެހިފައި އޮތް އޮތުން ބަދަލުވެގެންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...