ކިއުބާއާއި މެކްސިކޯއަށް ބާރުގަދަ ތޫފާން މައިކަލް އަރައިފި

ކިއުބާއާއި މެކްސިކޯއަށް ބާރުގަދަ ތޫފާން މައިކަލް އަރައިފިއެވެ.

ތޫފާން މައިކަލް ކިއުބާއާއި މެކްސިކޯއަށް އަރާފައިވަނީ ކެޓެގަރީ އެކެއްގެ ތޫފާނެއްގެ ގޮތުގައެވެ. އެތޫފާނުގެ މިސްރާބު މިހާރު ހުރީ އެމެރިކާގެ ފްލޮރިޑާއާއި ދިމާއަށް ކަމަށާއި، ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ތޫފާން ފްލޮރިޑާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ޔޫއެސް ނޭޝަނަލް ހަރިކޭން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ތޫފާން މައިކަލްގެ ބާރު ގަދަވަމުން އަންނައިރު، އެ ތޫފާން ފްލޮރިޑާއަށް އަރާއިރު، ކެޓެގަރީ ތިނެއްގެ ނުރައްކާތެރި ތޫފާނަކަށް ބަދަލުވެގެންދާނެ ކަމަށްވެސް ހަރިކޭން ސެންޓަރުން ވަނީ ލަފާ ކޮށްފައެވެ. އެގޮތުން ތޫފާނުގައި ގަޑިއަކު ސަތޭކަ އެގާރަ މޭލާއި، ސަތޭކަ ނަވާވީސް މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ ސެންޓަރުން ލަފާ ކުރެއެވެ.

ފްލޮރިޑާ ސްޓޭޓްގެ ސަރުކާރުން ވަނީ އެ ސްޓޭޓްގެ 35 ސަރަހައްދަކަށް ތޫފާން އަރާނެ ކަމުގެ އިންޒާރުދީ، ކުއްލި ހާލަތު އިއުލާން ކުރުމަށް އެމެރިކާގެ ސަރުކާރުގައިވެސް އެދިފައެވެ.

ޔޫއެސް ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނީ ތޫފާން މައިކަލް އަރާފާނެތީ ފްލޮރިޑާގެ ރައްޔިތުން ރައްކާތެރި ފިޔަވަޅު އަޅައިގެން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ތޫފާނުގައި މީހުންގެ ފުރާނައަށް ނުރައްކާވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ސެންޓަރުން ވަނީ ހާމަކޮށްފައެވެ. އަދި ވައިގަދަވުމުގެ ސަބަބުން މަގުތަކުގައި ހުންނަ ބޮޑެތި ގަސްތަކާއި، ހަރުކޮށްފައި ހުންނަ ލައިޓްފަދަ ތަކެއްޗަށްވެސް ގެއްލުން ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...