ހޮޓެލް އޭޝިއާ މި ހަފްތާގެ ބުދަ ދުވަހު ބާއްވާ ގޮތައް ހަމަޖައްސައިފި

ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފެއާ ކަމުގައިވާ ހޮޓެލް އޭޝިއާ އެގްޒަބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް މި ހަފްތާގެ ބުދަ ދުވަހު ބާއްވާ ގޮތައް ހަމަޖައްސައިފިއެވެ.
 
ހޮޓެލް އޭޝިއާ ބާއްވާ އިސް ފަރާތްތައް ކަމުގައިވާ މޯލްޑިވްސް އެގްޒަބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްސްގެ ޖެނެރަލް މެނޭޖަރ ހުސައިން ރައޫފު ވިދާޅުވީ ބުދަ ދުވަހު ބާއްވާ ފެއަރ ބާއްވަން ހަމަޖެހިފައިވަނީ ދަރުބާރުގޭގައިކަމަށެވެ. އަދި އެއީ މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފެއަރ ކަމަށާއި ދަރުބާރުގޭގެ ފަސް ހޯލެއްގައި ސްޓޯލް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަހަރުގެ ފެއަރގައި 160 ސްޓޯލް ބަހައްޓާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ހޮޓެލް އޭޝިއާގެ މެއިން ސްޕޮންސާ ކަމުގައިވާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) ގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހު ވިދާޅުވީ އެކުންފުނިން އެކަނިވެސް މިއަހަރުގެ ފެއަރގައި 72 ބްރޭންޑެއް ޑިސްޕްލޭކުރާނެކަމަށެވެ. އަދި އެ ބްރޭންޑުގެ ފުރިހަމަ މަޢުލޫމާތު ސްޓޯލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޮޓެލް އޭޝިއާ ފެއަރ ބާއްވާތާ މިއީ 14 ވަނަ އަހަރެވެ. އަދި މިއަހަރުގެ ފެއަރގައި 46 ޤައުމެއްގެ 250 ކުންފުނިން ބައިވެރިވާނެކަމަށާއި އެ ކުންފުނިތަކުން 2000އަށްވުރެ ގިނަ ބްރޭންޑްތައް ޑިސްޕްލޭކުރާނެކަމަށް މަޢުލޫމާތުލިބެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...