ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އަވަށްޓެރި ގައުމުތަކުން 1،200 މަރު!

ޔޫއެންގެ އެހީދޭ އެޖެންސީތަކުން ބުނީ ފާއިތުވި 10 ވަރަކަށް އަހަރުވެސް ވިއްސާރައިގެ ސަބަބުން ނޭޕާލްއަށް މިހާ ބޮޑަށް ގެއްލުން ލިބިފައިނުވާ ކަމަށް.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ނޭޕާލް، ބަންގްލަދޭޝް އަދި އިންޑިޔާއިން 1،200 މީހުން މަރުވެއްޖެއެވެ.

ނޭޕާލް، ބަންގްލަދޭޝް، އަދި އިންޑިޔާއަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން މިލިއަނެއްހާ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 3 ގައުމުގެ ކަމާބެހޭ ފަރާތްތަކުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި 3 ގައުމަށްވެސް މޫސުމީ ވިއްސާރަ ކުރެއެވެ. އެހެންނަމަވެސް މިއަހަރު ކުރަމުން އަންނަ ވިއްސާރައިގައި ބައެއް އަވަށްތަކަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ލިބިފައެވެ.

އިންޑިޔާއަށް ބަލާއިރު، ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެގައުމުގެ ބިހާރް ސްޓޭޓުން 379 މީހުން ވަނީ މަރުވެފައެވެ.  އަދި އެސްޓޭޓްގެ އެތައް ހާސް ބަޔަކު މިވަގުތު ދިރިއުޅެމުން އަންނަނީ ވަގުތީ ހިޔާތަކުގައެވެ. 

މީގެ އިތުރުން އިންޑިޔާގެ އުއްތަރު ޕްރަދޭޝްއިން 88 މީހުން މަރުވެފައިވާއިރު ނޭޕާލްއިން 150 މީހުން ވަނީ މަރުވެފައެވެ. އަދި އެގައުމުގެ 90،000 މީހުންގެ ގެދޮރުވެސް ގެއްލިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިދުވަސްވަރު ހިނގަމުން އަންނަ ފެންބޮޑުވުމުގެ ހާދިސާތަކުގައި ބަންގްލަދޭޝްއިން މިހާތަނަށް 134 މީހުން މަރުވެފައިވާއިރު، 5.7 މިލިއަން މީހުންނަށް ވަނީ ވިއްސާރައިގެ އަސަރުކޮށްފައެވެ. 

ނޭޕާލްގެ ޖަނާކްޕޫރްގައި ފެންބޮޑުވެފައި

އދގެ އެހީދޭ އެޖެންސީތަކުން އަންނަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ނޭޕާލް، ބަންގްލަދޭޝް އަދި އިންޑިޔާއިން 41 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް އދއިން ހާމަކުރެއެވެ.

މީގެ އިތުރުން ވިއްސާރައިގެ ސަބަބުން ދަނޑު ބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިގެއްލުންތަކުން އަރައިގަތުމަށް، ގިނަ އަދަދެއްގެ ފައިސާ ހަރަދުވާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...