ތޫފާން ހާވީ އެރުމުގެ ސަބަބުން އެމެރިކާގެ ޓެކްސަސްއިން 2 މީހުން މަރުވެއްޖެ

ޓެކްސަސްއަށް ބޯކޮށް ވާރޭ ވެހެމުން އަންނައިރު، ފިރިހެނަކު ކުޑައެއް ހިފައިގެން

އެމެރިކާގެ ޓެކްސަސްއަށް ތޫފާން ހާވީ އެރުމުގެ ސަބަބުން 2 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. 

ތޫފާން ހާވީ ޓެކްސަސްއަށް އެރީ ހުކުރު ދުވަހުއެވެ. އެތޫފާން އެރިއިރު ހުރީ ކެޓަގަރީ 4ގައެވެ. އެހެންނަމަވެސް ތޫފާނުގެ ބާރު މިހާރު ވަނީ ކެޓަގަރީ 1އަށް ދަށްވެފައެވެ.
މި ތޫފާނުގެ ސަބަބުން ޓެކްސަސްގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު، މަގުތަކުގައި ހުރި ބޮޑެތި ގަސްތައް ވަނީ ވެއްޓިފައެވެ.

އަދި ޓްރެފިކް ލައިޓްތަކަށްވެސް ގެއްލުން ލިބިފައިވެއެވެ. މި ތޫފާނުގައި ގަޑިއަކު 215 ކިލޯމީޓަރަށް ވައިޖެހެމުން އަންނައިރު، 3 ލައްކައެއްހާ މީހުން ވަނީ ކަރަންޓްގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.

މިއީ ފާއިތުވި 12 އަހަރު ތެރޭގައި އެމެރިކާއަށް އެރި އެންމެ ވަރުގަދަ ތޫފާނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތޫފާން ހާވީގެ އަސަރު ޓެކްސަސްއަށް ކުރާނެ ކަމަށް އެސްޓޭޓްގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ޓެކްސަސް ސްޓޭޓްގެ ބައެއް ސިޓީތަކަށް 100 ސެމްޓިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވިފައިވެއެވެ. ޓެކްސަސްގެ ހިއުސްޓަން ސިޓީއަށް ގަޑިއަކު 8 ސެންޓިމީޓަރަށް ވާރޭ ވެހެމުންދާއިރު ގިނަ މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. 

ތޫފާން ހާވީ އެރުމުން ޓެކްސަސްއަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް އަންނަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެސްޓޭޓަށް ވަޑައިގަންނަވާނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...