ކަރާ ކެއުމުން ލިބޭ ބައެއް ފައިދާތައް

ގިނައިން ފެން ބުއިމަކީ ހަށިގަނޑަށް ނުހަނު ފައިދާ ހުރި ކަމެކެވެ. ހަމަ އެފަދައިން ގިނައިން ފެން އެކުލެވިގެންވާ ކާބޯތަކެތި ކެއުމަކީވެސް ސިއްހީ ގޮތުން އެތައް ފައިދާއެއް ލިބޭނެ ކަމެކެވެ.

ކަރާގެ 92% އަކީ ފެނެވެ. މޭވާއާއި ތަރުކާރީ ކެއުމުން ބަނޑުފުރިފައިވާ ކަމުގެ އިހްސާސް ކުރެވެނީވެސް އެތަކެތީގައި ގިނައިން ފެން އެކުލެވިގެންވާތީއެވެ. ކަރާ ފަދަ ފެނާއި ފައިބަރ ހިމެނޭ މޭވާ ކެއުމުން، ގިނަ ކެލޮރީތަކެއް ހަށިގަނޑަށް އެތެރެ ކުރުމަކާއި ނުލާ ބަނޑުފުރާލެވެއެވެ.

ކަރާގައި އެކުލެވިގެންވާ މުހިންމު ބައެއް މާއްދާތައް:

އެއް ޖޯޑު ކަރާ( 154 ގްރާމް ކަރާ)ގައި ފައިދާ ހުރި ގިނަ ވިޓަމިންއާއި މިނެރަލް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި:

- ވިޓަމިން ސީ

-ވިޓަމިން އޭ

-ޕޮޓޭސިއަމް

-މެގްނީޒިއަމް

-ވިޓަމިން ބީ1، ބީ5،އަދި ބީ6


ކަރާގައި ކެންސަރު ބަލިން ދުރުކޮށްދޭ މާއްދާތައްވެސް އެކުލެވިގެންވެއެވެ.

އޭގެ ތެރެއިން އެއް މާއްދާ އަކީ ލައިކޯޕިންއެވެ. ލައިކޯޕިންއަކީ ހަޖަމު ކުރާ ނިޒާމަށް ކެންސަރު ޖެހުން ދުރުކޮށްދޭ މާއްދާއެއް ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ. ކަރާއަކީ ހަޖަމު ކުރުމަށްވެސް ފަސޭހަކޮށްދޭ މޭވާއެކެވެ. އަދި އެއީ ގައިގެ ހަމާއި ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމުގައިވެސް އެހީތެރިވެދޭނެ މޭވާއެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.

ހަކުރު ބަލީގެ މީހުންނަކީ ކެއުމުގައި ވަރަށް ބަލައިގެން އުޅެންޖެހޭ ބައެކެވެ. އެގޮތުން ކެއުމުގައި ހަކަތައާއި ކެލޮރީ މަދު، ހަކުރު މަދު ކެއުމެއް ޚިޔާރުކުރަން ޖެހެއެވެ. އަދި ރަގަޅަށް ނުކެވޭތީ މިފަދަ މީހުން އަބަދުވެސް ބަނޑުހައިވެގެން އުޅޭކަމުގެ ޝަކުވާ ކުރެއެވެ. މިފަދަ މީހުންނަށް ކަރާ އަކީ ރަނގަޅު ކެއުމެކެވެ.

ފޮނި ރަހަލާ ނަމަވެސް، ކަރާއިން ލިބޭނީ ވަރަށް މަދު މިންވަރެއްގެ ކެލޮރީ އެކެވެ. އަދި މީގެ އިތުރުން ކަރާގައި ހިމެނޭ ވިޓަމިންތަކާއި ޕޮޓޭސިއަމް އަދި މެގްނީޒިއަމް ފަދަ މައުދަންތަކަކީ އިންސިއުލިންގެ މަސައްކަތް ރަަގަޅުކޮށް، ލޭގައި ހަކުރުގެ މިންވަރު ދަށްކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ކަރާގައި ހިމެނޭ އާރޖިން އަކީ ވެސް އިންސިއުލިންގެ ސަބަބުން ހަކުރުގެ މިންވަރަށް އަސަރުކުރުމަށް ބާރުފޯރުވާ މާއްދާ އެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...