މެސީގެ މޮޅު ކުޅުމާއެކު ޓޮޓެންހަމްގެ މައްޗަށް ބާސާއިން ކުރި ހޯދައިފި

ލިއޮނަލް މެސީ ދެއްކި މޮޅު ކުޅުމާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޓޮޓެންހަމްގެ މައްޗަށް ހަތަރެއް ދޭއްގެ ނަތީޖާއަކުން ބާސެލޯނާއިން ކުރި ހޯދައިފި އެވެ.

ގްރޫޕް ބީގައި ކުޅުނު އެ މެޗުން ބާސާ އަތުން ބަލިވުމާ އެކު ޓޮޓެންހަމް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ. އެގޮތުން، ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް ވަނީ އިޓަލީގައި އިންޓާރ މިލާން އަތުން ބަލިވެފަ އެވެ. އަދި އެ ނަތީޖާ އަނބުރާލުމަށް ޓޮޓެންހަމްއިން އަމާޒު ހިފައިގެން ރޭގެ މެޗާ ކުރިމަތިލި ނަމަވެސް އެޓީމު ވަނީ ބާސާގެ ކުޅުންތެރިން ދިފާއުކުރަންވެސް ނުކުޅެދިފަ އެވެ. މެޗުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ގޯލްކީޕަރ ހޫގޯ ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފިލިއްޕޭ ކޫޓީނިއޯ ވަނީ ބާސެލޯނާ އަށް ލީޑު ނަގައިދީފަ އެވެ.

އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި އައިވަން ރަކިޓިޗް ވަނީ ބާސެލޯނާގެ ލީޑު ފުޅާކޮށްފަ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން 52 ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބުކުރި ލަނޑަކުން ޓޮޓެންހަމް އަށް އުންމީދު އާވި ނަމަވެސް، މެސީ ވަނީ ކުޑައިރުކޮޅެއް ފަހުން ގޯލެއް ޖަހައި ބާސެލޯނާއަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

އޭގެ ފަހުން 66 ވަނަ މިނެޓުގައި ލަމޭލާ ކާމިޔާބުކުރި ލަނޑާއެކު ޓޮޓެންހަމްއިން ވަނީ އުއްމީދު އާ ކޮށްފަ އެވެ.

އެހެންނަމަވެސް މެސީ ވަނީ 90 ވަނަ މިނެޓުގައި ބާސާއަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

އެ ނަތީޖާއާއެކު ބާސެލޯނާ ވަނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ ހަމަޖެހިލާފަ އެވެ. ދެވަނައިގަ އޮތް އިންޓާރ މިލާނަށްވެސް ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިންވަނައިގަ އޮތް ޓޮޓެންހަމް އަދި ހަތަރުވަނައިގަ އޮތް ޕީއެސްވީއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...