ޗެމްޕިއަންސް ލީގުގައި ފޯރިގަދަ މެޗުތަކެއް ކުޅެފި

ވިލާތު ބައްރުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގައި ފޯރިގަދަ މެޗުތަކެއް ކުޅެފި އެވެ.

ގްރޫޕް އީގައި ބަޔާން މިއުނިކާއި ނެދަލެންޑްގެ އަޔަކްސް ބައްދަލުކުރި މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. ބަޔާންގެ ޑިފެންޑާރ މެޓްސް ހަމެލްސް ފުރަތަމަ ހާފުގައި ބޮލުން ވައްދާލި ގޯލުން ބަޔާން ލީޑު ނަގާފައިވަނިކޮށް އަޔަކްސް އަށް ނަތީޖާ އެއްވަރުކޮށްދިނީ 22 ވަނަ މިނެޓުގައި ނުސޭރު މަޒްރޫއީ ކާމިޔާބުކުރި ލަނޑުންނެވެ. މި ގްރޫޕުގައި ބެންފީކާ ވަނީ އޭއީކޭ އެތެންސް އަތުން 3-2 އަކުން މޮޅުވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ރަޝިޔާގެ ވަރުގަދަ ސީއެސްކޭއޭ މޮސްކޯ ބައްދަލުކުރި މެޗުގައި ނުކުމެފައިވަނީ ހައިރާންކުރަނިވި ނަތީޖާއެކެވެ. މެޗުގެ އެންމެ ކުރީކޮޅު ތަޖުރިބާކާރު މިޑްފީލްޑާރ ޓޯނީ ކްރޫސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އިދިކޮޅު ޓީމުގެ ނިކޮލާ ވްލާސިޗް ވަނީ ރެއާލް މެޑްރިޑްގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލައި ލީޑު ނަގާފަ އެވެ. ކަރީމް ބެންޒީމާ އާއި ކަސެމީރޯ އަދި މަރިއާނޯ ކުރިއަށް ފޮނުވާލި ހަމަލާތަކެއް މޮސްކޯގެ ހުރަސް ދަނޑީގައި ޖެހުނު އިރު، މުހިންމު ފޮވާޑް ގެރެތު ބޭލް އާ ނުލައި ކުޅެން ޖެހުމުންވެސް ރެއާލަށް ވަނީ ނަތީޖާ އަނބުރާލަން އުނދަގޫވެފަ އެވެ. ނަތީޖާއެއްގެ ގޮތުން މޮސްކޯ ވަނީ 1-0 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށް އެ ޓީމް ހިމެނޭ ގްރޫޕުގެ އެއްވަނަ މަގާމަށް އަރާފަ އެވެ. މޮސްކޯ އަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ރެއާލް އޮތީ ތިން ޕޮއިންޓާއެކު ދެވަނައިގަ. ތިންވަނައިގަ އޮތް ރޯމާ އަށްވެސް ލިބިފައިވަނީ ރެއާލާ އެއް އަދަދަކަށް ޕޮއިންޓެވެ.

ގްރޫޕް އެޗްގައި އިނގިރޭސިވިލާތުގެ މެންޗެސްޓާރ ޔުނައިޓެޑާއި ސްޕޭނުގެ ވެލެންސިއާ ބައްދަލުކުރި މެޗުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިންމާލަން ޖެހުމުން ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯ އަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އޭނާ އަށް ވަނީ އިތުރު ދުންތުރާތަކެއް ކުރިމަތިވެފަ އެވެ. 29 އަހަރަށް ފަހު ލީގުގައި ޔުނައިޓެޑުން މިހާތަނަށް އެންމެ ދަށް ނަތީޖާއެއް ނެރެވުނު ފަހަރަށްވެސް މި ސީޒަން ވެފައިވާ އިރު، ވެލެންސިއާ އިން ވަނީ މި މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިންގެ ކުޅުމަށް ބުރޫއަރުވާލައި ޔުނައިޓެޑްގެ އޭރިއާ ތެރެއިން ގިނަ ހަމަލާތަކެއްވެސް ބަދަލުކޮށްފަ އެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ ކުޅުންތެރިން މަސައްކަތްކުރި ކަމަށާއި ނަމަވެސް، ފަހަތުން ބިލްޑް އަޕް ޕްލޭއެއް އުފެއްދުމުގެ ގާބިލިއްޔަތު ލިބިފައި ހުރި ކުޅުންތެރިން ޓީމުގައި ނެތް ކަމަށެވެ. އެހެން ކަމުން، އެ އުނދަގޫ ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

ޔުނައިޓެޑް ހިމެނޭ ގްރޫޕް އެޗްގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ ކްލަބު ކަމަށްވާ ޔުވެންޓަސް ވަނީ އަންގާރަ ދުވަހުގެ ރޭ ސްވިޓްޒަލެންޑްގެ ޔަންގް ބޯއީސް އަތުން ތިނެއް ސުމެއްގެ ނަތީޖާއިން މޮޅުވެ، އެ ގްރޫޕްގެ އެއްވަނަ މަގާމު ހިޞާރުކޮށްފަ އެވެ. ޕޯލޯ ޑިބާލާގެ ހެޓްރިކާ އެކު ޔުވެންޓަސްއިން ޖުމްލަ ހަ ޕޮއިންޓް ހަމަކޮށްފައިވާ އިރު، ޔުނައިޓެޑް އޮތީ ހަތަރު ޕޮއިންޓާއެކު ދެވަނައިގަ އެވެ. ތިންވަނައިގަ އޮތް ވެލެންސިޔާ އަށް އެއް ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް ޔަންގް ބޯއީސް އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. މުހިންމު ސްޓްރައިކާރ ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޝަނުގައި ހުރުމުން އޭނާ އާ ނުލައި ޔުވެންޓަސްއިން ކުޅުނު މި މެޗުގައި އާޖެންޓިނާ ފޮވާޑް ޑިބާލާ ހެޓްރިކް ފުރިހަމަކޮށްފައިވަނީ މެޗުގެ 69 ވަނަ މިނެޓުގަ އެވެ. އަދި މި މެޗުން މޮޅުވުމާ އެކު ޔުވެންޓަސް ވަނީ ފާއިތުވި ނުވަ މެޗުން މޮޅުވެ، އެ ކްލަބުގެ ވަރުގަދަ ފެށުން ދަމަހައްޓާފަ. ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން 2-0 އަކުން ޔުވެންޓަސް މޮޅުވި އިރު، ދެން އެ ކްލަބު ނުކުންނަން ޖެހޭނީ ދެވަނައިގަ އޮތް ޔުނައިޓެޑާ ދެކޮޅަށެވެ. 

އަންގާރަ ދުވަހުގެ ރޭ ކުޅުނު އެހެން މެޗަކަށް ބަލާލާއިރު، މެންޗެސްޓާރ ސިޓީ އާއި ހޮފަންހެއިމް ބައްދަލުކުރި މެޗު ސިޓީއިން ވަނީ 2-1 އަކުން ކާމިޔާބުކޮށްފަ އެވެ. މެޗުގެ އެއްވަނަ މިނެޓުގައި ހޮފަންހެއިމްގެ ބެލްފޮޑިލް ކާމިޔާބުކުރި ލަނޑަކުން އެ ޓީމް ލީޑު ނަގާފައިވަނިކޮށް ހަތްވަނަ މިނެޓުގައި އަގުއެރޯ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ފަހުން ހޮފަންހެއިމްގެ ގޯލު ފޫއަޅުވާލަން ސިޓީއިން ގަދައަޅާ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭ ޑޭވިޑް ސިލްވާ ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓް ހޯދައިދިނުމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...