ރޭޕުގެ ތުހުމަތުތައް ރޮނާލްޑޯ ދޮގުކޮށްފި

2009 ވަނަ އަހަރުގެ ތެރޭ އެމެރިކާ އަންހެނެއް ރޭޕްކުރިކަމަށް ބުނެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮލުގައި އެޅުވި ތުހުމަތުތައް އޭނާ ދޮގުކޮށްފި އެވެ.

އިންސްޓާގްރާމް އަށް ރޮނާލްޑޯ ލީ ވީޑިއޯއެއްގައި އޭނާގެ މައްޗަށް ކުރި ތުހުމަތުއް ދޮގުކުރަމުން ރޮނާލްޑޯ ބުނީ އޭނާގެ މައްޗަށް އެކަހަލަ ބޮޑު އިލްޒާމެއް އަޅުވާފައިވަނީ އަމިއްލަ ފަރާތްތަކެއް ޕްރޮމޯޓްކުރުމުގެ ނިޔަތުގައި ކަމަށާއި އެއީ ވަރަށް އާންމު ކަމެއް ކަމަށެވެ.

ރޮނާލްޑޯގެ ވަކީލުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ރޮނާލްޑޯގެ ބޮލުގައި އެ ތުހުމަތުތައް އަޅުވައި އެ ޚަބަރު ފުރަތަމަ ނެރުނު ޖަރުމަނުގެ ޑާ ސްޕީގަލް މެގަޒިނާ ދެކޮޅަށް ރޮނާލްޑޯގެ ޓީމުން އަބުރުގެ ދައުވާ ކުރާނެ އެވެ. އެ މެގަޒިންގައިވާ ގޮތުން ރޮނާލްޑޯ އާ ދެކޮޅަށް ތުހުމަތުތައް އެޅުވި އުމުރުން 34 އަހަރުގެ ކެތުރީން މަޔޯގާ ބުނީ ރޮނާލްޑޯ އޭނާ ރޭޕްކުރީ ލަސް ވެގާސްގެ ހޮޓަލެއްގައި ކަމަށެވެ.

އަދި އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ލަސް ވޭގަސްގެ ފުލުހުންނަށް އެ މައްސަލަ ހުށަހެޅި ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ބޭރުގެ ނޫސްތަކުން އިތުރަށް ރިޕޯޓުކުރާ ގޮތުގައި، 2010 ވަނަ އަހަރުގެ ތެރޭ ކޯޓުން ބޭރުގައި ރޮނާލްޑޯގެ ޓީމާއި އެ އަންހެން މީހާގެ ވަކީލުން ވަނީ އެއްބަސްވުމަކަށް އައިސް، އާންމުންނާ ހިސާބަށް އެ ހާދިސާގެ ޚަބަރު ފޯރުވުން ހުއްޓުވުމަށް ރޮނާލްޑޯގެ ފަރާތުން ތިން ލައްކަ ހަތްދިހަ ފަސްހާސް އެމެރިކާ ޑޮލަރު ދީފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއާގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ ރޮނާލްޑޯ ވަނީ މިއަހަރުގެ ތެރޭ 99.2 މިލިއަން ޕައުންޑްގެ އަގަކަށް ސްޕޭނުގެ ގަދަބާރު ރެއާލް މެޑްރިޑުން އިޓަލީގެ އެންމެ ވަރުގަދަ ކްލަބު ޔުވެންޓަސް އަށް ސޮއިކޮށްފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...