ޗެލްސީ އާއި ލިވަޕޫލްގެ ފޯރިގަދަ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެއްޖެ އެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު އެ މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު ދެ ޓީމުގެ ފަރާތުންވެސް ވަނީ ވަރަށް ހިތްގައިމު އެޓޭކިން ފުޓްބޯޅައެއް ފެނިފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު، މި ހާފުގައި ޗެލްސީ ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް އިދިކޮޅު ލިވަޕޫލްގެ ހާފުން ލިވަޕޫލްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

މެޗުގެ 25 ވަނަ މިނެޓުގައި އެޑަން ހަޒާޑް ކާމިޔާބުކުރި ލަނޑަކާ އެކު ޗެލްސީ ވަނީ ލީޑު ނަގާފަ. އެއަށް ފަހު ދެވަނަ ހާފުގެ ކުޅުން ފެށިގެން ލިވަޕޫލްގެ ކުޅުން ރަނގަޅުކުރި އިރު އެ ޓީމުން ވަނީ މި ހާފުގެ ޗެލްސީގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

އެހެން ނަމަވެސް، ލިވަޕޫލުން ކުރިއަށް ޖެހިގެން ހަމަލާތައް ފޮނުވަމުން ގެންދިޔަ ދަނޑިވަޅުގައި ބޯޅަ އަތުލުމަށް ފަހު ކުރިއަށް ފޮނުވާލަމުން ގެންދިޔަ ކައުންޓާރ ހަމަލާތަކުގައި ޗެލްސީއިން ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން، މި ހާފުގައި ޗެލްސީ އަށް ދެވަނަ ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްދިނީ އެޑަން ހަޒާޑް އެވެ.

ޗެލްސީއިން ބޯޅަ އަތުލައި މިޑްފީލްޑާރ ކާންޓޭ ތަނަވަސްކޮށްދިން ހިތްގައިމު ތުރޫ ޕާހެއް މެދުވެރިކޮށް ހަޒާޑް ދުވަމުން ގޮސް ހުސްކޮށް ހުރެ ގޯލާ އަމާޒުކޮށް ޝޮޓެއް ފޮނުވާލި ނަމަވެސް، ލިވަޕޫލްގެ ބްރެޒިލް ކީޕަރ އެލިސަން ވަނީ ހުށިޔާރުކަމާ އެކު އެ ހަމަލާ މަތަކޮށްފަ އެވެ. އަދި އޭގެ ފަހުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ގެނައި ބަދަލުތަކާ އެކު ލިވަޕޫލުން ކުރިއަށް ހަމަލާތަކެއް ފޮނުވާލަމުން ގެންދިޔަ އިރު، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭ ބަދަލު ސްޓްރައިކާރ ޑެނިއަލް ސްޓަރިޖް ވަނީ ހިތްގައިމު ޝޮޓެއް ގޯލުގެ ތެރެއަށް ވައްދާލައި މެޗުގެ ނަތީޖާ 1-1 އަކަށް ބަދަލުކޮށްލާފަ އެވެ.

އަދި އެ ނަތީޖާ އާއެކު މެޗު ނިމުމާ އެކު، ލީގުގައި ލިވަޕޫލުން މިހާތަނަށް ކުޅުނު މެޗުތަކުން ބަލިނުވެ ދަމަހައްޓަމުން އައި ސްޓްރީކް ވަނީ ކައިރި ގޮތަކަށް ސަލާމަތްކޮށްފަ އެވެ. ނަމަވެސް ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ އެ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވުނީސް ކަމަށެވެ.

މިއީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭ މި ދެ ޓީމް ބައްދަލުކުރި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ކަރަބާއޯ ކަޕްގައި ބުދަ ދުވަހު ދެ ޓީމް ބައްދަލުކުރި އިރު، ޗެލްސީ ވަނީ 2-1 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށްފަ އެވެ. ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ނަތީޖާ އާއެކު ލީގު ތާވަލުގެ އެއްވަނައިގަ އޮތް މެންޗެސްޓާ ސިޓީ އާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށް 19 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ދެވަނައިގަ އެވެ. ޗެލްސީ އޮތީ 17 ޕޮއިންޓާއެކު ތިންވަނައިގަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...