އިޓަލީވިލާތުގެ ކުރީގެ ބޮޑުވަޒީރު ދަށުގެ ލީގުގެ ކްލަބެއް ބައްލަވައިގެންފި

އިޓަލީވިލާތުގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އެ ގައުމުގެ ތިންވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ މޮންޒާގެ ހިއްސާތައް ބައްލަވައިގެންފި އެވެ. 

އުމުރުން 81 އަހަރުގެ ކުރީގެ ބޮޑުވަޒީރުގެ އަމިއްލަ ހޯލްޑިންގ ކުންފުންޏެއް ކަމަށްވާ ފިނިއިންވެސްޓް ބުނީ މޮންޒާގެ ސަތޭކަ އިންސައްތަ ހިއްސާ ގަނެފައިވާ ކަމަށެވެ. އޭސީ މިލާނުގެ ކުރީގެ ވެރި ފަރާތްކަންވެސް ކުރެއްވި ބާލުސްކޯނީ ވަނީ މީގެ 18 މަސް ކުރިން އެ ކްލަބުގެ ހިއްސާތައް ޗައިނާގެ ކުންފުންޏަކަށް ވިއްކާލައްވާ އެ ކްލަބުގެ ވެރި ފަރާތް ކަމުގެ މަގާމު އެއް ތިރީސް އަހަރަށް ފަހު ދޫކޮށްލަވާފަ އެވެ.

ބާލުސްކޯނީގެ ބެލުމުގެ ދަށުން އޭސީ މިލާން ވަނީ ފަސް ޔޫރަޕިއަން ކަޕާއި 8 އިޓަލީ ލީގުގެ ޓްރޮފީ ހާސިލްކޮށްފަ އެވެ.

މޮންޒާގެ ހިއްސާތައް ބާލުސްކޯނީ ބައްލަވާގެންނެވި އިރު، އެ ކްލަބުން މިދިޔަ ސީޒަން ނިންމާލާފައިވަނީ އިޓަލީވިލާތުގެ ތިންވަނަ ޑިވިޝަނުގެ ހަތަރުވަނަ މަގާމު ހޯދައިގެންނެވެ.

އިޓަލީގެ ބޮޑުވަޒީރަކަށް ބާލުސްކޯނީ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 1994 ވަނަ އަހަރެވެ. އެއަށް ފަހު އެ މަގާމުގައި އިތުރު ދެ ދައުރެއް ވަނީ ފުރިހަމަކުރައްވާފަ އެވެ. ނަމަވެސް، ޓެކްސް އަށް މަކަރު ހެދިކަން ސާބިތުވެ 2013 ވަނަ އަހަރުގެ ތެރޭ އެމަނިކުފާނަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، މުސްކުޅިވުމުގެ ސަބަބުން އެމަނިކުފާނު ވަނީ ކޮމިއުނިޓީ ސާވިސް އަދާކުރައްވާފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...