ސެވިއްޔާ އަތުން ބަލިވެ އެއްވަނަ އަށް އަރަން ރެއާލަށް ލިބުނު ފުރުސަތު ގެއްލިއްޖެ

ސްޕެނިޝް ލަލީގާގައި ސެވިއްޔާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ ލީގު ތާވަލުގެ އެއްވަނަ އަށް އަރަން ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ސެވިއްޔާ އަތުން ރެއާލް ބަލިވި އިރު، ބާސެލޯނާ ވެސް ވަނީ ލީގުގައި އެ ޓީމް ކުޅުނު މެޗުން ބަލިވެފަ އެވެ. އެއާއެކު، އެކަން ވެގެން ގޮސްފައިވަނީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ފަހު ސްޕޭނުގެ ދެ ގަދަބާރު އެއް ދުވަހެއްގައި ދެ މެޗަކުން ބަލިވި ފުރަތަމަ ފަހަރަށެވެ.

މެޗުގެ ފުރަތަމަ 21 ވަނަ މިނެޓުގެ ތެރޭ އަންޑްރޭ ސިލްވާގެ ދެ ގޯލާ އެކު ސެވިއްޔާ އިން ލީޑު ނަގާފައިވެ އެވެ. މެޗުގެ 39 ވަނަ މިނެޓުގައި ސެވިއްޔާގެ ވިއްސާމް ބިން ޔެޑާރ ވަނީ ހިތްގައިމު ލަނޑެއް ޖަހައި، ސެވިއްޔާގެ ލީޑު ފުޅާކޮށްފަ އެވެ. އެ ލަނޑާއެކު ބިން ޔެޑާރ ވަނީ އޭނާ ކުޅުނު ފަހު ތިން މެޗުގައި މުޅިއަކު ހަ ގޯލު ޖަހާފަ އެވެ. މިއީ ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒައިނުއްދީން ޒިދާން އިސްތިއުފާ ދިން ފަހުން އެ ކްލަބާ ހަވާލުވި އާ ކޯޗު، ޖޫލެން ލޮޕެޓިގީގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމް ބަލިވި ފުރަތަމަ ފަހަރު ކަމަށްވާ އިރު، އެ މެޗުގައި ސެވިއްޔާ އިން ވަނީ މޮޅަށް ކުޅެ ރެއާލް އަށް މޮޅުވާން ފުރުސަތު ގެއްލުވާލާފަ އެވެ.

ރެއާލުން އެ މެޗާ ކުރިމަތިލި އިރު، ބާސެލޯނާ ވަނީ ލީގު ތާވަލުގެ ފުލުގައި އޮތް ލެގާނޭސް އަތުން 2-1 އަކުން ބަލިވެފަ އެވެ. އެހެން ކަމުން، ރެއާލުން އެ މެޗާ ކުރިމަތިލާފައިވަނީ މޮޅަކާ އެކު ލީގުގެ އެއްވަނަ އަށް އެރުމުގެ ނިޔަތުގަ އެވެ. ނަމަވެސް، ސްޕޭނުގެ ދެ ގަދަބާރު އެއް ދުވަހެއްގައި ބަލިވި އިރު، ދެ ކްލަބަށްވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...