އެމެރިކާގައި ރެއާލް މެޑްރިޑް ކުޅެން ބޭނުން ނުވާނަމަ މައްސަލައެއް ނެތް: ލަލީގާ

އެމެރިކާގައި ލަލީގާ މެޗުތަކެއް ކުޅުމަށް ލަލީގާ އިން ނިންމި ނިންމުމަށް ރެއާލް މެޑްރިޑް ދެކޮޅު ހަދައި، އެގައުމުގައި މެޗެއް ކުޅެން ބޭނުން ނުވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ލަލީގާ އިން ބުނެފި އެވެ.

ލަލީގާ އިން އެހެން ބުނެފައިވަނީ އާންމު ސީޒަނުގައި އެމެރިކާގައި ޑޮމެސްޓިކް މެޗެއް ކުޅުމަށް ލަލީގާއިން ރޭވުމެއް ހުށަހަޅާފައިވާ ހުށަހެޅުމަށް ރެއާލް މެޑްރިޑުން ދެކޮޅު ހެދުމާ ގުޅިގެންނެވެ. ލަލީގާ އިން އެމެރިކާގައި މެޗުތަކެއް ކުޅޭ ގޮތަށް ރާވާފައިވަނީ އެ ލީގާއި އެމެރިކާގެ މީޑިއާ ކުންފުންޏެއްގެ ދެމެދުގައި ވެވުނު 15 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެ ރޭވުމަށް ސްޕޭނުގެ ފުޓްބޯޅަ އެސޯސިއޭޝަނާއި އެ ގައުމުގެ ފުޓްބޯލާސް ޔޫނިއަން އިންވެސް ވަނީ ފާޑުކިޔާފަ އެވެ. އަދި އެކަންތައްތަކާ ގުޅިގެން ލަލީގާގެ ޗެއާރމަން ހަވިޔާ ޓެބާސް ވިދާޅުވީ އެއީ މައްސަލައެއް ނޫން ކަމަށާއި ގަދަކަމުން އެކަމެއް ނުކުރުވާނެ ކަމަށެވެ.

މިހިނގާ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ލަލީގާގެ އިސްވެރިންގެ އިތުރުން ބާސެލޯނާ އާއި ޖިރޯނާ ވަނީ އެ ދެ ކްލަބުގެ ދެމެދުގައި ކުޅޭ މެޗެއް އެމެރިކާގެ މަޔާމީގައި ކުޅުމުގެ ހުއްދަ އަށް އެދިފަ އެވެ. ނަމަވެސް، އެ އެސޯސިއޭޝަނުން ބުނީ އިތުރު މައުލޫމާތު ނުލިބެނީސް، އެފަދަ މުއާމަލާތެއް ކުރެވެން ނެތް ކަމަށެވެ. ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕީރޭޒް ވިދާޅުވީ އެމެރިކާގައި މެޗުތަކެއް ކުޅުމަކީ ކްލަބާއި ސަޕޯޓަރުންގެ ޝައުގުވެރިކަމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...