މިމަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހު ޕީޕީއެމްގެ ކޮންގްރެސް ބާއްވަން ނިންމައިފި

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މިމަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހު ޕީޕީއެމްގެ ކޮންގްރެސް ބާއްވަން ޕީޕީއެމްއިން ނިންމައިފިއެވެ. 

ޗެނަލް ތާޓީންގެ ނިއުސްޓޯކު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރ އަދި ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވީ ޕާޓީގެ ހިންގުން ވަރުގަދަކޮށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ އެޕާޓީން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން މިމަހުގެ 28 އަދި 29 ވަނަ ދުވަހު ޕާޓީގެކޮންގްރެސް ބާއްވަން ކައުންސިލުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. ސިއްދީގު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވާ މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް. އޭނާ ވިދާޅުވީ ކޮންގްރެސްއަށް ފަހު ޕާޓީ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. 

ސިއްދީގު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީދައުރު ފުރިހަމަވާނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ކަމަށާއި، އެމުއްދަތު ހަމަވަންދެން އެމަނިކުފާނު ވެރިކަމުގައި ހުންނަވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން އެކި ގޮތްގޮތުން ރައީސް ޔާމީނަށް ދަތިތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ސިއްދީގު ވިދާޅުވީ އިންތިޚާބު ކާމިޔާބު ވުމުން މިއަދު ރާއްޖެއިން ފެނިގެންދަނީ އިރާގުގެ ވެރިކަން ބަދަލުވި އިރު ފެނިގެންދިޔަ ފަދަ މަންޒަރުތަކެއް ކަމަށެވެ. އެގޮތުން މަގުތައް ހަލަބޮލިކޮށް ރައީސް ޔާމީންގެ ފޮޓޯފުޅުތައް އަންދާ ހަދަމުންދާކަން ސިއްދީގު ފާހަގަކުރެއްވިއެވެ. 

މީގެއިތުރުން ސިއްދީގު ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު މާލޭގެ މަގުތަކުގެ އަމާންކަން ގާއިމްކޮށްދެއްވި ކަމަށާއި، ރައްޔިތުންގެ ސުލްހަ މަސަލަސްކަން ގާއިމްކޮށްދެއްވި ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އިންތިޚާބު ކާމިޔާބު ކުރުމާއެކު މަގުތަކުގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދާކަން ސިއްދީގު ފާހަގަކުރެއްވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...