އުތުރު ކޮރެއާއިން 3 ބެލިސްޓިކް މިސައިލް އުދުއްސާލައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން

އުތުރު ކޮރެއާއިން ކުރު ރާސްތާގެ 3 ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މި މިސައިލްތައް އުދުއްސާލާފައިވަނީ، އުތުރު ކޮރެއާގެ ގެންގްވޮން ޕްރޮވިންސްގެ ސައިޓެއް ކައިރިން ކަމަށާއި މި މިސައިލްތައް 250 ކިލޯމީޓަރަށް ދަތުރުކޮށްފައިވާ ކަމަށް އުތުރު ކޮރެއާގެ މީޑީޔާތަކުގައި ވަނީ ބުނެފައެވެ.

މި މިސައިލްތަކުގެ ތެރެއިން ފުރަތަމަ މިސައިލާ ތިން ވަނަ މިސައިލް ފެއިލްވެފައިވާއިރު، ދެވަނަ މިސައިލް އުދުއްސާލިތާ މާގިނަ އިރެއް ނުވެ ގޮވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިތިން މިސައިލްވެސް އުތުރު ކޮރެއާއިން ޓެސްޓް ކޮށްފައިވަނީ 30 މިނެޓް ތެރޭގައެވެ.

އުތުރު ކޮރެއާއިން މިސައިލް ޓެސްޓްތަކެއް ކޮށްފައި މިވަނީ، ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ފަށާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

އުތުރު ކޮރެއާއިން ތުހުމަތު ކުރާ ގޮތުގައި އެމެރިކާއާއި ދެކުނު ކޮރެއާއިން އަސްކަރީ ތަމްރީންތައް ކުރިއަށްގެންދަނީ އުތުރު ކޮރެއާއަށް ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ.

އުތުރު ކޮރެއާގެ ނިއުކްލިޔަރ ޓެސްޓްތަކާއި ގުޅިގެން އެމެރިކާފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން އަންނަނީ އެގައުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...