މި ޤައުމުގެ އިސްލާމީ ތާރީހުގައި އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި - ޑރ.ޝަހީމް

ދީނީ އިލްމުވެރިންނާ މުފައްކިރުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޑރ.ޝަހީމް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޗެނަލް13

ދިވެހިރާއްޖޭގެ އިސްލާމީ ތާރީހުގައި އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ސަރުކާރުގައި ކަމަށް އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ދީނީ އިލްމުވެރިންނާ މުފައްކިރުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މި ޤައުމުގައި ޣައިރު ދީން ފެތުރުމުގެ އެއްވެސް ތުހުމަތެއް ދުވަހަކުވެސް ކުރެވިފަ ކަމަށެވެ. އަދި ދީނަށްޓަކައި މަސައްކަތްކުރާ ހުރިހާ ރައްޔިތުން އެއްބައިވެ އެއްސަފަކަށް އަންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން ފިޔަވައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ މިސްކިތްތަކެއް ބިނާކުރެއްވި ވެރިއެއް ނެތްކަމަށާ، ޒަކާތުގެ ކަންކަމަށް ބެލި ކަމުގައިވިޔަސް ދިވެހިރާއްޖޭގެ އިސްލާމީ ތާރީހްގައި އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައި ކަމަށެވެ. އަދި އެ ޒަކާތުގެ ފައިދާ އެތައް ގޮތަކުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ކުރަމުން ގެންދާކަމަށް ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ޑރ ޝަހީމް ވަނީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ދީނީ ކަންކަން ނެތޭ ބުނަމުންދާ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޑރ ޝަހީމް ވިދާޅުވީ އިދިކޮޅުގެ މެނިފެސްޓޯގެ 99 އިންސައްތަ އަކީ ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ ނުވަތަ ތަރައްޤީކޮށް ނިންމާފައިވާ ކަންތައްތައް ކަމަށެވެ. އަދި ރައީސް ޔާމީންގެ މެނިފެސްޓޯގައި އިސްލާމް ދީނަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވުމުގެ ގޮތުން، ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ބިނާ ކުރައްވާނެ ވާހަކަ އާއި، އިސްލާމިކް ބޭންކިން ފައިނޭންސްގެ ޚިދުމަތް ދެއްވާނެ ކަމުގެ ވާހަކައިގެ އިތުރުން ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމާ، ހުރިހާ އިސްލާމިކް ޕްރިންސިޕަލްތައް ރާއްޖޭގައި ދަމަހައްޓަވާނެ ކަމުގެ ވާހަކަ ހިމަނުއްވާފައި ވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އިސްލާމީ ސަޤާފަތް ރާއްޖޭގައި ދަމަހައްޓާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޔާމީން ދެއްވާފައި ވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގައި އުފެދެމުންދާ ޒަމާނީ ހަޟާރާތާއި، ކުރިއެރުންތަކުގެ ތެރޭގައި އިސްލާމް ދީން ހިމާޔަތްވެފަ އޮތުމަކީ ދިވެހިންނަށް ލިބޭނެ އެންމެ މަތިވެރި ނަސީބު ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ވިސްނާ ފިކުރުކޮށް ނިންމުން ނިންމަންޖެހޭ ދުވަސް މިހާރު ގާތްވެފައި ވާއިރު، މިކަމަކީ ޤައުމީ ކަމެއްގެ ގޮތުގައި ވިސްނެވުމަށްފަހު، އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށް ރައީސް ޔާމީން އަށް ވޯޓް ދެއްވުމަށް ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެންނާ ހިޔާލު ތަފާތުވެފަ ތިއްބެވި އަހުންވެސް ރަނގަޅަށް ވިސްނާލައްވާ. ކީއްތޯ ކުރަން މިއުޅެނީ ސިޔާސީ ގޮތުން؟ ޤައުމީ ވިސްނުމަކުން މިކަން ވިސްނާށޭ، ކޮންބައެއްގެ އަތްމައްޗަށްތޯ އިސްލާމީ ޤައުމުގެ ތަޅުދަނޑިތައް ދޭން ތިއުޅެނީ؟ މިތަނުގައި ހުންނަން ޖެހޭނީ ހިތްވަރާއި އަޒުމް ހުރި ވެރިއެއް. ކިޔަވައިގެން ހުރި ވެރިއެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...