އިންޑިއާ އަށް މިފަހަރު ފުރުސަތު ދީގެން ނުވާނެ

ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ދިވެހި ގައުމީ ޓީމް -- ފޮޓޯ: އެފްއޭއެމް

ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6:00 ދިވެހިރާއްޖެ އާއި އިންޑިއާ ކުރިމަތިލާ އިރު، މިއީ މި މުބާރާތުގެ ފައިނަލުގައި އެ ދެ ގައުމު ބައްދަލުކުރާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ފައިނަލެއްގައި ރާއްޖެ އަށް އިންޑިއާ އަތުން އެންމެ ފަހަރަކު މޮޅެއް ހޯދުނު އިރު އިންޑިއާ ވަނީ ދެ ފަހަރު މޮޅުވެފަ އެވެ. ނުވަ އަހަރުގެ ދިގު މުއްދަތަކަށް ފަހު ދިވެހީން އަނެއްކާވެސް ފައިނަލަކަށް ދަތުރުކުރި އިރު، މިއީ 10 އަހަރަށް ފަހު މުބާރާތުގެ ތަށި ހާސިލްކުރުމަށް ދިވެހީންނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. ބޭނުންވަނީ ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ދެއްކި ރޫޙު، މި މެޗުގައިވެސް ތަކުރާރު ކުރުމެވެ. މިފަހަރު އިންޑިއާ އަށް ފުރުސަތު ދީގެން ނުވާނެ އެވެ.

ރާއްޖެ ހިމެނޭ ސަރަހައްދަށް ބަލާލާއިރުވެސް، ފުޓްބޯޅައިގައި އެންމެ ރަނގަޅު ވަނަތަކެއް ހާސިލްކޮށް މި ސަރަހައްދުގެ ގޮތުންވެސް އެންމެ ކުރި އަރާފައިވަނީ އިންޑިއާ އެވެ. ފީފާ ރޭންކިންގ އަށް ބަލާލާއިރުވެސް، އެ ގައުމު އޮތީ އެހެނިހެން ގައުމުތަކަކާ ބަލާލާއިރު ފުދޭވަރަކަށް މަތީގަ އެވެ. އެގޮތުން 96 ވަނަ ގައުމުގެ މަގާމު ހާސިލްކުރި އިރު އޭޝިއާ ބައްރުން އެ ގައުމު އޮތީ 14 ވަނައިގަ އެވެ. ނަމަވެސް، ރާއްޖެ އާ އަޅާކިޔާލާއިރު އިންޑިއާ އިން ކިތަންމެ މޮޅެއް ހޯދި ނަމަވެސް، މިވަގުތު ކާމިޔާބީ ހޯދުން ރާއްޖެ އަށް މާ މުހިންމެވެ. ދިވެހި ފުޓްބޯޅަ މާޔޫސްވެފައިވާ މިދަނޑިވަޅުގައި ކުޅިބެލުންތެރިން ވެސް ތިބީ ދިވެހި ފުޓްބޯޅަ އާ މެދު މާޔޫސްވެފަ އެވެ. އެހެން ކަމުން، އެ މިސްރާބު ރަނގަޅު ކޮޅަށް ބަދަލުކޮށްލުމަށް މި މުބާރާތް ކާމިޔާބުކުރުން ކޮންމެހެންވެސް މިވަނީ ލާޒިމްވެފަ އެވެ.

އިންޑިއާގެ ކޯޗު ސްޓީފަން ކޮންސްޓަންޓީން ބުނީ ސެމީ ފައިނަލުގައި ރާއްޖެ އަތުން ނޭޕާލް ބަލިވީ ރާއްޖެ ދަށްކޮލައިގެން މެޗަށް ތައްޔާރުވުމުންނެވެ. "އަންޑާރ އެސްޓިމޭޓް" ކުރުމާއި ރާއްޖެ އާ މެދު އިހްތިރާމް ކުޑަކޮށްލުމެވެ. ނޭޕާލާ ޚިލާފަށް އިންޑިއާ އިން އެ ގޯސް ނުހަދާނެ ކަމަށް ކޮންސްޓަންޓީން ބުނި އިރު، ފައިނަލަށް ނުކުންނާނީ ވެވުނު އެންމެ ބޮޑަކަށް ތައްޔާރީތަށް ވެގެން ކަމަށާއި ރާއްޖެ އަށް ދޭން ޖެހޭ އިހުތިރާމް ދީގެން ކަމަށް އޭނާ ބުންޏެވެ.

2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗަކަށް ފަހު އިންޑިއާ ކޯޗު ބުނީ ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުތައް އިންޑިއާ ކޮޅަށް ބުރަވުމުގެ އެންމެ މައިގަނޑު ސަބަބަކީ މެޗަށް ތައްޔާރުވުމުގައި ދެ ގައުމުގެ ދެމެދުގައި ހުންނަ ނަފްސާނީ ތަފާތުތަކެކެވެ. އޭނާ މާނަކުރާ ގޮތުގައި ރާއްޖެއިން މާ އަވަހަށް ބަލި ގަބޫލުކުރަނީ އެވެ. އަނެއްކޮޅުން ފާހަގަވާ ކަމަކީ އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗުތަކުގެ ކުރިން އިންޑިއާ އިން އަބަދުވެސް ރާއްޖެ އަށް ގިނަ ތައުރީފްތަކެއް ކުރެ އެވެ. މިފަހަރުވެސް ފެނިގެން މި ދަނީ ހަމަ އެކަންތައްތަކެވެ. ބޭނުމަކީ ރާއްޖޭގެ އަމާޒު ބަދަލުކޮށްލުން ކަމުގައި ވެދާނެ އެވެ. ނަމަވެސް، މިފަހަރު މިކަންތައްތަކަށް ވިސްނަން ވާނެ އެވެ.

2008 ވަނަ އަހަރު އިންޑިއާ އަތުން ރާއްޖެ މޮޅުވި ފައިނަލުގައިވެސް ފެނިގެން ދިޔަ އެންމެ ހިތްގައިމު މަންޒަރަކީ އެންމެ ފަހު ވަގުތުކޮޅާ ހަމަޔަށްވެސް ކުރި ހިތްވަރެވެ. އެކަތިގަނޑެއްގެ ގޮތުގައި އެއް އަމާޒަކަށް ވާސިލްވުމަށް ދިވެހީން ފެންބޮވައިގަތުމެވެ. މުޅި ގައުމު އޮތީ ބަދަހިކޮށެވެ. މިފަހަރުވެސް ތަކުރާރުކުރަންވީ ހަމަ އެ ކަންތައްތަކެވެ. މިފަހަރަކީ ޒުވާން ދިވެހި ޓީމްގެ ފަހަރެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...