ނުވަ އަހަރުގެ އިންތިޒާރަށް ނިމުން ގެންނަން ދިވެހިން ތައްޔާރު

ފޮޓޯ: އެފްއޭއެމް

2009 ވަނަ އަހަރަށް ފަހު ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ދިވެހިރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނެފި އެވެ.


ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި ރާއްޖެ އާއި ގަދަފަދަ އިންޑިއާ އިން މިއަދު ކުރިމަތިލާ އިރު، ނުވަ އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު ފައިނަލެއް ކާމިޔާބުކުރުމުގެ އުންމީދު ރާއްޖެއަށް އާ ކުރެވިފައި މިވަނީ ކޯޗު ޕީޓާ ސެގާޓްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގައުމީ ޓީމްގެ ޒުވާން ކުޅުންތެރިންގެ މިންނެތް މަސައްކަތުންނެވެ. 2008 ވަނަ އަހަރު ރާއްޖެއިން ހޯދި ސާފް ޗެމްޕިއަންޝިޕްގެ ތައްޓަކީ ރާއްޖެއިން އެ މުބާރާތުގައި ހޯދި ހަމައެކަނި ތަށި ކަމަށްވާ އިރު، އިންޑިއާ އަތުން މިއަދު މޮޅުވެގެން ޒުވާން ކުޅުންތެރިންނަށް ތާރީޚު ބަދަލުކޮށްލުމުގެ ފުރުސަތު މިވަނީ ލިބިފަ އެވެ. އަދި އެއީވެސް، ޓީމްގެ އެންމެ ސީނިއާ ބައެއް ކުޅުންތެރިން ނުހިމެނިކަން ފާހަގަކޮށްލެވެ އެވެ.

ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ޓީމްގެ ކެޕްޓަން އަކްރަމް ބުނީ ގްރޫޕް ސްޓޭޖުން ސަލާމަތްވެވުނީ ވަރަށް އުނދަގުލުން ކަމަށާއި ނަމަވެސް، ފައިނަލާ ކުރިމަތިލާނީ އެ ހަނދާންތައް ފޮހެލުމަށް ފަހު މޮޅެއް ހޯދުމަށް ކަމަށެވެ.

"މި ފައިނަލަކީ މިދިޔަ ނުވަ އަހަރު ތެރޭގައި ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު. ރާއްޖެއިން ނުވަ އަހަރު އިންތިޒާރުކޮށްފި،" އޭނާ ބުންޏެވެ. " ފައިނަލްގައި ހުރިހާ ކުޅުންތެރިންވެސް ކުޅޭނީ ގައުމަށްޓަކައި. ގައުމީ ރޫހުގައި. ގައުމު ރަމްޒުކޮށްދޭނީ. ވަރަށް ރަނގަޅަށް ތައްޔާރުވެގެން މުޅި ޓީމުވެސް އޮތީ. އިންޝާ ﷲ ރާއްޖެއަށް ތަށި ލިބޭނެ." އަކްރަމް ބުނެފައިވެއެވެ.

މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ގުރުއަތު ކާމިޔާބުކޮށްގެން ސެމީގެ ޖާގައެއް ކަށަވަރުކޮށްގެން ކަމަށްވީ ނަމަވެސް، ސެމީ ފައިނަލުގައި ވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމް ނޭޕާލްގެ މައްޗަށް މޮޅު ކުޅުމެއް ދައްކައި 3-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އެ މެޗުގައި ދިވެހި ޓީމްގެ ރޫހު އަލުން ދިރިފައިވާ މަންޒަރު ފެނުނު އިރު، އަކްރަމް ވަނީ ހިތްގައިމު ހިލޭ ޖެހުމަކުން ގޯލެއްވެސް ޖަހާފަ އެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު ތާވަލުކުރެވިފައިވަނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6:00 ގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...