އަޝްފާޤް ހުރީ ޤައުމީ ޓީމާއި އެކީގައި

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލްކުރާ އަލީ އަޝްފާޤް(ދަގަނޑޭ)

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގެ ފައިނަލްގައި މާދަމާ ދިވެހިރާއްޖެ ނުކުންނާނީ ސަރަހައްދުގެ އެންމެ ބޮޑު ބާރު އިންޑިޔާއާއި ދެކޮޅަށެވެ.

އެމެޗަށް ޤައުމީ ފުޓްބޯޅަ ޓީމު ތައްޔާރުވަމުން އަންނައިރު، ދިވެހި ފުޓްބޯޅައިގެ ސަޕޯޓަރުން އެންމެ ދެރަވާ އެއްކަމަކީ އެމެޗުން ކުޅަދާނަ ފޯވަޑް އަލީ އަޝްފާޤް(ދަގަނޑޭ) ނުފެނުމެވެ.

ރާއްޖެއަށް ކާމިޔާބީ ހޯދައިދިނުމުގައި އަމަލީ ގޮތުން ބައިވެރިނުވެވުނު ނަމަވެސް އަޝްފާޤްގެ ހެޔޮ އެދުންތައް ވަނީ ޓީމާއި އެކީގައެވެ. އެގޮތުން ސާފް ސުޒުކީ ކަޕް ފެށުނީއްސުރެ އަޝްފާޤް އަންނަނީ ޤައުމީ ޓީމަށް ހިތްވަރުދީ ސޯޝަލް މީޑިޔާގައި ޕޯސްޓް ކުރަމުންނެވެ.

މިއަދު ކުރި ޓްވީޓެއްގައި ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން ބުނެފައިވަނީ މާދަމާގެ މެޗަށް ނިކުންނަ ޤައުމީ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށެވެ. އަދި އެންމެން އެކީގައި މަސައްކަތް ކޮށްފިނަމަ، އިރާދަފުޅުން ފައިނަލް މެޗު ކާމިޔާބު ކުރެވޭނެ ކަމަށްވެސް އަޝްފާޤް ވަނީ ބުނެފައެވެ.

ޤައުމީ ޓީމަށް ހިތްވަރުދީ އަޝްފާޤް ކުރި ޓްވީޓް.

ސެމީ ފައިނަލްގައި ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗު ރާއްޖެ ކާމިޔާބު ކޮށްފައިވަނީ 3-0ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ފައިނަލް މެޗުގައި މާދަމާ އިންޑިޔާއާއި ދެކޮޅަށް ރާއްޖެ ނިކުންނައިރު، މިހާތަނަށް ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2008 ވަނަ އަހަރުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...