ފޭރު: މިއީ ކޮންމެހެންވެސް ކާންޖެހޭ މޭވާއެއް

ފޭރަކީ މީރުވަސް ދުވާ، އަދި ހަމައެހާމެ މީރު މޭވާއެކެވެ. ރާއްޖޭގައި ފަސޭހައިން ހެދޭ މި މޭވާ އަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ.

100 ގްރާމް ފޭރުގައި 18 ގްރާމް ކެލްސިއަމް ހިމެނެއެވެ. އަދި 22 ގްރާމް މެގްނީޒިއަމް ހިމެނެއެވެ. ފޮސްފޮރަސްއާއި ޕޮޓޭސިއަމްވެސް ފޭރުގައި ގިނަ ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މި ލިޔުމުގައި މިހިމަނާލަނީ ފޭރު ކެއުމުން ލިބޭ ބައެއް ސިއްހީ ފައިދާތަކެވެ.

ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކޮށްދިނުން:
އެނގޭހެއްޔެވެ؟ ފޭރަކީ އެންމެ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވާ މޭވާއެވެ. އެގޮތުން އޮރެންޖަށްވުރެ 4 ގުނަ އިތުރަށް ފޭރުގައި ވިޓަމިން ސީ އެކުލެވިގެންވެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ގަދަކޮށްދީ، އިންފެކްޝަންތަކުން ސަލާމަތްކޮށްދޭ މާއްދާއެކެވެ. އަދި ލޮލަށްވެސް މިއީ ވަރަށް މުހިންމު ވިޓަމިންއެކެވެ.

ކެންސަރުން ދުރު ކޮށްދިނުން:
ކެންސަރު ސެލްތައް ހެދިބޮޑުވުން ހުއްޓުވުމަށް އެހީތެރިވާ މާއްދާތަކެއް ފޭރުގައި އެކުލެވިގެންވެއެވެ. ސިއްހީ މާހިރުން ބުނާގޮތުން، ފޭރަކީ ބްރެސްޓް ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު ޖެހުމުން ދުރުކޮށްދޭނެ މޭވާއެކެވެ. އެހެންކަމުން އާންމުކޮށް ފޭރު ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ލޮލުގެ ފެނުން ރަނގަޅުކޮށްދިނުން:
މިކަމަށް އެހީތެރިވެދެނީ ފޭރުގައި ގިނަ މިންވަރަކަށް އެކުލެވިގެންވާ ވިޓަމިން އޭ އަދި ވިޓަމިން ސީއެވެ.

ބަނޑުހިކުމުން ދުރުކޮށްދިނުން:
މިކަމަށް އެހީތެރިވެދެނީ ފޭރުގައި ހިމެނޭ ފައިބަރއެވެ. އެންމެ ފޭރަކުން ހަށިގަނޑަށް ބޭނުންވާ ފައިބަރގެ 12 އިންސައްތަ ހަށިގަނޑަށް ލިއްބައިދެއެވެ.

ހަކުރުބަލި ހުންނަ މީހުންނަށްވެސް ކެވޭ:
ހަކުރު ބަލި ހުންނަ މީހުންނަށް ކޮންމެ ކޮންމެ މޭވާއެއް ނުކެވޭނެއެވެ. އެހެންނަމަވެސް ހަކުރުބަލިން ދުރުކޮށްދޭ ފޭރަކީ ޑައެބެޓިކް ހުންނަ މީހުންނަށް ކެވިދާނެ މޭވާއެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...