ރޮހިންޔާގެ މުސްލިމުން އަމިއްލަ ވަޒަންދޫކޮށް ހިޖުރަ ކުރާ މިންވަރު އިތުރުވެފައި

މިޔަންމާގައި ދިރިއުޅޭ ބައެއް މުސްލިމުން: އެމީހުންނަށް މިޔަންމާގެ ސިފައިން އަނިޔާ ކުރާ ކަމަށް ތުހުމަތު ކުރެވޭ

މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި މެދުގައި އެގައުމުގެ ސިފައިން ހިންގަމުން އަންނަ އަމަލުތަކުގެ ސަބަބުން މިމަހު އެކަނިވެސް 3،000 މީހުން އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސްފައިވާ ކަމަށް ޙަބަރުތައް ބުނެފިއެވެ.

ބަންގްލަދޭޝްގެ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މިޔަންމާގެ ސަރުކާރުން ރޮހިންޔާ މުސްލިމުންނާއިމެދުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެތައް ބަޔަކު މިޔަންމާގެ ރަހައިން ސްޓޭޓް ދޫކޮށް ބަންގްލަދޭޝްއަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި އޮގަސްޓްމަހު އެކަނިވެސް ތިންހާހެއްހާ މީހުން މިޔަންމާއާއި ބަންގްލަދޭޝްއާއި ދެމެދު އޮންނަ ނާފް ކޯރު ހުރަސްކޮށް، ބަންގްލަދޭޝްއަށް ގޮސްފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިޔަންމާގެ އުތުރުގައި އޮންނަ ރަހައިން ސްޓޭޓްގައި މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ސިފައިން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ ރަހައިން ސްޓޭޓްގައި ހުރި ފުލުހުންގެ ޕޯސްޓްތަކަކަށް ބަޔަކު ހަމަލާ ދިނުމާއި ގުޅިގެންނެވެ.

މިއޮޕަރޭޝަންގެ ތެރެއިން ރަހައިން ސްޓޭޓްގެ މުސްލިމުންނަށް މިޔަންމާގެ ސިފައިން ތަފާތު އަނިޔާތައް ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން، އެމީހުންގެ ގެދޮރުގައި ހުޅުޖެހުމާއި، އަންހެނުން ރޭޕް ކުރުމާއި، ޖިސްމާނީ އެކި އަނިޔާކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިޔާތަކަށް އިންޓަވިޔު ދިން މީހުން ބުނެފައިވެއެވެ.

މިޔަންމާގެ ސިފައިން ކުރަމުން ދިޔަ އަނިޔާއާއި ގުޅިގެން މިދިޔަ އަހަރު ރަހައިން ސްޓޭޓް ދޫކޮށް، 75،000އަށް ވުރެ ގިނަ މީހުން އަވައްޓެރި ބަންގްލަދޭޝްއަށް ވަނީ ހިޖުރަކޮށްފައެވެ.

ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގެ ގިނަ މީހުން ބުނަމުން އަންނަނީ ރަހައިން ސްޓޭޓްގައި ދިރިއުޅޭ މިލިއަނެއްހާ މުސްލިމުންނަކީ، ބަންގްލަދޭޝްއިން މިޔަންމާއަށް އައިސް ތިބި ރެފިއުޖީން ކަމަށެވެ. އެހެންކަމުން އެމީހުންނަށް މިޔަންމާގައި ރަށްވެހިކަން ދިނުމަށްވެސް ވަނީ ދެކޮޅު ހަދާފައެވެ.
 
ބަންގްލަދޭޝްގެ މީޑިޔާތަކުގައި ބުނެފައިވަނީ، އެގައުމަށް ދިޔަ ރޮހިންޔާގެ މުސްލިމުން މިހާރުވެސް ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން ބަންގްލަދޭޝްއިން އެމީހުންނަށް ބޯހިޔާވަހިކަން ނުލިބޭތީ ގިނަ ބަޔަކު ކޭމްޕްތަކުގައި ދިރިއުޅެމުން އަންނަ ކަމަށްވެސް ރިޕޯޓްތަކުގައި ވަނީ ފާހަގަކޮށްފައެވެ. 

މިޔަންމާގައި މުސްލިމުންނަށް ކުރިމަތިވާ ތަފާތުކުރުންތަކާހެދި އެތައް ބަޔަކު އަންނަނީ މިޔަންމާ ސަރުކާރަށް ފާޑުކިޔުންތައް ކުރިމަތި ކުރުވަމުންނެވެ. މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...