ހުޅުމީދޫގައި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގެން، އެ ރަށުގައި ކުރިއަށް ގެންގޮސްފައިވާ ފަސް މަޝްރޫޢުއެއްގެ ނިމުން ފާހަގަކުރައްވައިފިއެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ހުޅުމީދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވާ، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވާފައިވެއެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމުގެ އިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް ވަނީ ފާހަގަކުރައްވާފައެވެ. 

ހުޅުމީދޫގައި ޤާއިމްކުރި ފެނުގެ ނިޒާމަކީ އެންމެނަށް ރައްކާތެރި ސާފު ފެނާއި ނަރުދަމާ ޔަޤީން ކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. އެ މަޝްރޫޢުއަކީ އެންވަޔަރަމަންޓް މިނިސްޓްރީ އިން، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުއެކެވެ. އެގޮތުން އެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ވަނީ ފެނުގެ ވިއުގަ ޤާއިމްކޮށްފައެވެ. އަދި 24.80 ކިލޯމީޓަރ ދިގުމިނުގެ ފެނުގެ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. އަދި 500 ޓަނުގެ ޑީސެލިނޭޝަން ޕްލާންޓު ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް 250 ކިއުބިކް މީޓަރ ޓަނުގެ ތާނގީއެއް ވަނީ ބަހައްޓާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އެ މަޝްރޫޢު ހުޅުވުމުން، ސ. ހުޅުމީދޫގައި ޒަމާނީ ފެންވަރަށް ފެނގެ ޚިދުމަތް ޤާއިމްވެ، 589 ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ފެނުގެ ޚިދުމަތް ގުޅުވާދެވިފައިވާކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...