މިދިޔަ މަހު މީރާއަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އޮތޯރިޓީއިން ބުނެފިއެވެ.

މީރާއިން ބުނީ އެއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 16.8 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.  މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން އެމެރިކާ ޑޮލަރުން 38.5 މިލިއަން ރުފިޔާ އެއޮތޯރިޓީ އަށް ވަނީ ލިބިފައެވެ.

އާމްދަނީ އިތުރުވި ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކޮށްފައިވަނީ، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ މައްޗަށް ދިއުމާއި ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރި ތަންތަނުގެ ލީޒް މުއްދަތު އިތުރުކުރުމުގެ ފީ މިދިޔަ މަހު ލިބުމެވެ.  އެހެން މަސްތަކެކޭ އެއްގޮތަށް މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ޖީއެސްޓީ އިންނެވެ.

ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 529 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމުލަ އާމްދަނީގެ 52 އިންސައްތައެވެ. އަދި އާމްދަނީގެ ދެވަނައަށް އެންމެ ބޮޑު އިންސައްތަ ހިއްސާ ކުރާ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ގެ ގޮތުގައި 121 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ތިންވަނައިގައި އޮތް ލީސް މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 76 މިލިއަން ރުފިޔާ ލިބިފައިވެއެވެ.  އަދި ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ އިތުރު ވިޔަސް، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު މަދު އަދެދެކެވެ.

ސަބަބެއްގެ ގޮތުގައި މިރާގެ ހިސާބުތަކުގައިވަނީ މިދިޔަ އަހަރު އަލަށް ކުއްޔަށް ދޫކުރި ރަށްތަކުގެ ފީތައް މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުމެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...