ބައްސާމް ދިފާއުކުރާނަން: ގައުމީ ކޯޗު

ގައުމީ ޓީމްގެ ކޯޗު ޕީޓާ ސެގާޓް -- ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓްބޯޅަ ޓީމަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަކީ ސިޔާސީ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ނިސްބަތްކޮށް ކުރިމަތިކުރުވާ ފާޑުކިޔުންތަކަކަށް ވެދާނެ ކަމަށާއި ނަމަވެސް، އޭނާ ހުރީ ބައްސާމްގެ ދިފާއުގައި ކަމަށް ގައުމީ ޓީމްގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމޭރު ފަދަ ސީނިއާ ބައެއް ކުޅުންތެރިންތަކެއް ނުހިމަނައި ގައުމީ ޓީމުން ސާފް ސުޒުކީ ކަޕަށް ގޮސް ނެރެމުން އަންނަ ނަތީޖާތަކަށް ދިވެހި ކުޅިބެލުންތެރިންގެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ އިރު، ސެގާޓް ބުނީ އެކަމުގައި ސިޔާސީ ސަބަބުތަކެއް އޮވެދާނެ ކަމަށެވެ.

"އަހަރެން މިހިރީ އޭނާގެ ދިފާއުގައި. ސަބަބަކީ ގައުމީ ޓީމަށް އަހަރެން ގެނައީ ބައްސާމް. އަދި މިއީ އެކަންތައް (ސިޔާސީ) ކުރަންވީ ވަގުތެއްވެސް ނޫން. މިއީ އަހަރެމެން އެކަތިގަނޑެއްގެ ގޮތުގައި ސެމީ ފައިނަލަށް ނުކުންނަންވީ ވަގުތު،" ސެގާޓް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސެގާޓް ބުނީ ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗު އަހްމަދު ޝާކިރު އަށް ގައުމީ ޓީމްގެ އިސްކޯޗުކަން ދޭން ބައެއް ނޫސްވެރިން ގޮވާލަމުން އަންނާތީ އާއި ގައުމީ ޓީމުގެ ކޯޗުކަމުން ސެގާޓް ވަކިކުރުމަށް ގޮވާލާތީ އެކަމަށް އޭނާ ވަނީ ރައްދު ދީފަ އެވެ.

އޭނާ ބުނީ ބަޔަކު މީހުން މަސައްކަތްކުރަމުން ގެންދަނީ ސެގާޓްގެ އެންމެ ގާތް އެސިސްޓެންޓް ކޯޗު އޭނާ އާ ދެކޮޅަށް ނެރެން ކަމަށާއި ނަމަވެސް، އެކަން ކާމިޔާބު ނުވީ ޝާކިއްޓެ އާއި ސެގާޓްގެ ގުޅުން ބަދަހި ވުމުން ކަމަށެވެ.

ސެގާޓް ބުނީ އޭނާ އާ ދިމާލަށް ކިތަންމެ ވަރަކަށް ފާޑުކިޔަސް ސެގާޓަކީ އަދިވެސް ގައުމީ ކޯޗު ކަމަށާއި ގައުމީ ޓީމަށް ފައިނަލުގެ ޖާގައެއް ދޭން ބައެއް ނޫސްވެރިން ބޭނުން ނުވާ ކަމަށް ވެދާނެ ކަމަށެވެ.

ނޭޕާލާ ދެކޮޅަށް މިއަދު ސެމީ ފައިނަލުގައި ރާއްޖެ ނުކުންނަން ތައްޔާރުވެފައިވާ އިރު، ސެމީ ފައިނަލުން ރާއްޖެ އަށް ޖާގައެއް ލިބުނީ ލަންކާ އާ އެއްވަރުވެގެން ގުރުއަތު ނަގައިގެންނެވެ. މިއީ، ސަރަހައްދީ މުބާރާތެއްގެ ގެރޫޕް ސްޓޭޖުގައި އެންމެ ދަށްކޮށް ދިޔަ ފަހަރުކަންވެސް ފާހަގަކޮށްލެވެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...