އޮގަސްޓް މަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީ 14 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އޮގަސްޓް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި އޮގަސްޓް މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި އެ އިދާރާއަށް 280 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އިމްޕޯޓް - އެކްސްޕޯޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގަކީ 4.1 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގާ އަޅާބަލާއިރު 33 އިންސައްތަ އިތުރު އަދަދެކެވެ.

އިމްޕޯޓްކުރި މުދަލުގެ 19 އިންސައްތައާއެކު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީއިންނެވެ.

މީގެ އިތުރުން މިދިޔަ އޮގަސްޓް މަހު 259 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރަށް އެކްސްޕޯޓު ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މުދާ އެކްސްޕޯޓްކުރި މިންވަރާ އަޅާބަލާއިރު 18 އިންސައްތަ ދަށް އަދަދެކެވެ.

އޮގަސްޓް މަހު އެކްސްޕޯޓުކުރި މުދަލުގެ 20 އިންސައްތައިގެ ހިއްސާއަކާއެކު އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރމަނީއަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...