ދުނިޔޭގެ ރޭންކިންގގައި ޒަޔާނަށް ބޮޑު ކުރިއެރުމެއް

ޒަޔާން ޒަކީ --

ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަނުން ދާދި ފަހުން އާންމުކުރި ދުނިޔޭގެ ރޭންކިންގގައި ދިވެހި އެތުލީޓް ހުސެއިން ޒަޔާން ޝަހީދު ޒަކީ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ދުނިޔޭގެ ރޭންކިންގގެ 188 ވަނަ މަގާމު ޒަޔާން ނެގި އިރު، މިއީ އޭނާގެ ބެޑްމިންޓަން ކެރިއަރުގައި މިހާތަނަށް ރޭންކިންގގައި ހޯދި އެންމެ ބޮޑު ކުރިއެރުމެވެ. ރާއްޖޭގެ ދެވަނައަށް އެންމެ މޮޅަށް ރޭންކް ކުރެވުނު ކުޅުންތެރިއަކަށް ނިބާލް އަހްމަދު ހޮވުނު އިރު އޭނާ އޮތީ ދުނިޔޭގެ 487 ވަނަ މަގާމުގަ އެވެ. ތިންވަނައިގަ އޮތް މުހައްމަދު އަޖްފާން ހޯދީ 637 ވަނަ އެވެ.

ޒަޔާން ވަނީ އިންޑޮނޭޝިއާގެ ޖަކާޓާ އަދި ޕަލެމްބަންގްގައި މިފަހުން އޮތް އޭޝިއަން ގޭމްސްގެ ދެވަނަ ބުރުގައި ވާދަކޮށްފަ އެވެ. އަދި ދެވަނަ ބުރުގައި ދުނިޔޭގެ 14 ވަނަ ކުޅުންތެރިއާ ޖަޕާނުގެ ނަޝިމޯޓޯ ކެންޓާ އާ ދެކޮޅަށް އޭނާ ކުޅުނު އިރު، އެ މެޗުން ޒަޔާން ވަނީ ބަލިވެފަ އެވެ. ނަމަވެސް، ދުނިޔޭގެ އެންމެ މަތީ ފަންތީގައި ވާދަކުރާ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެލަން އެކަހަލަ ފުރުސަތެއް ލިބުމަކީ ޒަޔާންގެ ކުރިމަގަށް ރަނގަޅު އަސަރު ކުރާނެ ކަމެކެވެ.

އަންހެން ރޭންކިންގއަށް ނަޒަރު ހިންގާލާއިރު ރާއްޖޭގެ ފާތިމަތު ނަބާހާ ދުނިޔޭގެ 197 ވަނަ މަގާމު ދެމެހެއްޓި އިރު، ދެވަނައިގަ އޮތީ 226 ވަނަ މަގާމު ހޯދި އައިމިނަތު ޝަހުރުނާޒް އެވެ. އަދި ތިންވަނަ ހޯދި އައިމިނަތު ނަބީހާ ވަނީ ދުނިޔޭގެ 344 ވަނަ މަގާމު ނަގާފަ އެވެ.

ދިވެހިރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން އަންނަނީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...