ނިއުގެ ކުރީގެ ކޯޗުގެ ޓީމާ ދެކޮޅަށް ކުޅެން ނިއުއަށް ދައުވަތެއް

ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބު ނިއު ރޭޑިއަންޓްގެ ކޯޗުކަމުން މިފަހުން އިސްތިއުފާ ދިން ސްޕޭނުގެ އޮސްކާ ބްރޫޒޯންގެ އިރުޝާދުގެ ދަށުން މިހާރު ކުޅޭ ބަންގްލަދޭޝްގެ ބަސަންދްރާ ކިންގްސް އާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމުގެ ދައުވަތު ނިއުއަށް ދީފި އެވެ.

ނިއު ރޭޑިއަންޓްގެ ކޯޗުކަމުގައި ހުރުމަށްފަހު ބަންގްލަދޭޝްގެ ކްލަބަކަށް އޮސްކާ ބަދަލުވާން ނިންމީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އޮސްކާގެ އިރުޝާދުގެ ދަށުން ނިއު ވަނީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން މިއަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްފަ އެވެ.

ބެލެވޭ ގޮތުގައި އޮސްކާ ނިއު ދޫކޮށްލީ ބަންގްލަދޭޝް ކްލަބުން ރަނގަޅު އަގެއް ދިނުމުންނެވެ. ސާފް ސަރަހައްދުގައި ރަނގަޅު ތަޖުރިބާތަކެއް ހުރި ކޯޗު ވަނީ މީގެ ކުރިން އިންޑިއާގެ ގޯއާ އެފްސީ އަށްވެސް ކޯޗުކޮށްދީފަ އެވެ.

ނިއު ރޭޑިއަންޓާއި ބަސަންދްރާ ކިންގްސް ބައްދަލުކުރާ މެޗު ތާވަލުކުރެވިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ޝެއިހް ކަމާލް ސްޓޭޑިއަމްގައި ކުޅޭ ގޮތަށެވެ.

އޮސްކާގެ މިހާރުގެ ކްލަބު ބަސަންދުރާ ކިންގްސް އަކީ ބަންގްލަދޭޝްގެ މުއްސަނދި ވިޔަފާރި ކުންފުނި ބަސަންދުރާ ގްރޫޕުން ހިންގާ ކްލަބެކެވެ. އެ ކުންފުންޏަކީ ބަންގްލަދޭޝްގެ ރެއަލް އެސްޓޭޓްގެ ވިޔަފާރީގައި ފައި ސާބިތުކޮށްފައިވާ ކުންފުންޏެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...