ރަންވޭއާ ގުޅޭގޮތުން ސުއޫދު ދޮގު ވާހަކަ ފެތުރުމަކީ ގައުމަށް ގައްދާރުވުން - ސައީދު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަޅާފައިވާ އައު ރަންވޭއާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ސޯޝަލް މީޑިއާގައި ހަގީގަތާއި ޚިލާފަ ވާހަކަ ފެތުރުމަކީ ގައުމަށް ޣައްދާރުވުން ގޮތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ސިފަ ކުރައްވައިފިއެވެ.


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަޅާފައިވާ އައު ރަންވޭމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރަންވޭއާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދޮގު ވާހަތަށް ފަތުރަމުންދަނީ ސިޔާސީ މަންފާއެއް ޙާާސިލް ކުރުމަށް ކަމަށް. އަދި ހުސްނުއްސުއޫދު ފަދަ މަޝްހޫރު ގާނޫނީ ވަކީލަކު ދިވެހިން ފަހުރުވެރި ވާފަދަ މަޝްރޫތަކާއި ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވިއެވެ.


މިނިސްޓަރ މިފަދައިން ވިދާޅުވީ ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ. ސުއޫދުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، އައު ރަންވޭގައި އޭ380 މަރުކާގެ ބޯޓެއް ޖައްސަން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ އުސޫލުތަކާއި ޤަވައިދުތަކާއި ޚިލާފަ ކަމަށެވެ. އަދި މިއީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރި ކަމެއްގެ ގޮތުގައި ސުއޫދު ސިފަކުރެއްވިއެވެ.


މިނިސްޓަރ ވިދާޅުވީ އެއަރޕޯޓުގައި އަޅާފައިވާ ރަންވޭއަކީ ދިވެހިންގެ ފަހުރެއް ކަމަށާއި ރަންވޭ އާއި އެއާޕޯޓްގެ އަގު ވައްޓާލުމަށް އައިކާއޯ، އަދި އެއާލައިންތަކަށް ޓެގްކޮށްފައި ވާހަކަދައްކަމުންދާއިރު، އެ ކުރަނީ ކިހާވަރެއްގެ ކަމެއްކަން އެފަރާތްތަކަށް ނޭގޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރަންވޭގެ ވާހަކަ ދުލުކުރިއަށް ގެންނަންވާނީ ފަޚުރުވެރިކަމާއެކުގައި ކަމަށެވެ.


"ގައުމަކީ ގުރުބާން ކުރާ ކަންބަޅިއަކަށް ވެގެން ނުވާނެ. ތިމާ ހިތްހަމަ ނުޖެހޭ ވަގުތެއްގައި. މިއަދު މި ގައުމުގެ އިސް ލޯޔަރުންކަމުގައި ވަކާލާތު ކުރާ ބޭފުޅަކު މިއަދު ސޯޝަލް މީޑިއާގައި އެ ކުރި މަސައްކަތަކީ ހަގީގަތުގައި ގައުމަށް މީހަކަށް ވެވޭނެ އެންމެ ބޮޑު ގައްދާރުވުން އިނގޭތޯ. ގައުމުގެ އަގު އެވަރަކަށް ވައްޓާލާއިރު، އެ މީހާ އެހެރީ ހަމަހޭގަތޯ އަޅުގަނޑު ސުވާލު އުފެދޭ"  މިނިސްޓަރ ސައީދު ވިދާޅުވިއެވެ.


މިނިސްޓަރ ސައީދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަޅާފައިވާ ރަންވޭއަކީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އަޅާފައިވާ އެންމެ ފެންވަރު ރަނގަޅު ރަންވޭ ކަމަށް. މިނިސްޓަރ ސައީދު ވިދާޅުވީ ވަކި ވަކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދޭން ވެއްޖެނަމަ ތިބެންޖެހޭނީ ގައުމު ތަރައްގީ ނުކޮށް ކަމަށެވެ. އެފަދަ ފަރާތްތަކުގެ ސިކުނޑީގައި އަބަދުވެސް ހުންނާނީ ގައުމުގެ އަގުވައްޓާލުމުގެ ފިކުރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެމިރޭޓްސް، ގަތަރު، އެތިހާދު، ބްރިޓީޝް އެއަރވޭސް ސިންގަޕޯ އެއަރލައިން ފަދަ ދުނިޔޭގެ އެންމެ މަޝްހޫރު ބޮޑެތި އެއާލައިންތަކުން ދަތުރުކުރާއިރު މި ފަރާތްތަކަކީ ސަލާމަތީ ކަންކަމުގެ ސްޓެންޑަޑަށް ވަރަށް ބޮޑަށް ބެލުމަށްފަހުގައި ނޫނީ ދަތުރު ނުކުރާ ބައެއް ކަމަށެވެ. ރާއްޖެއަށް މި އެއަރލައިންތަކުން ދަތުރު ކުރަނީ ސަލާމަތީ ކަންކަމުގެ ޔަގީންކަން އޮންނާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މިމަހުގެ 18ވަނަ ދުވަހު އައު ރަންވޭ ހުޅުވުމަށް ތައްޔާރުވަމުންދާއިރު މި ވަގުތަކީ އަގުވައްޓާލުމަށް މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށާއި މިއީ އެއްބައިވަންތަކަ މާއެކު އުފާފާޅުކުރަންވީ ވަގުތު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...