އިސްތަށިގަނޑު އަވަހަށް ދިގު ކުރާނީ ކިހިނެއް؟

ރީތި، ދިގު އިސްތަށިގަނޑެއް ބޭނުންނުވާނީ ކާކުހެއްޔެވެ؟ އެހެންނަމަވެސް، އިސްތަށިގަނޑާމެދު ފަރުވާ ކުޑަ ކުރެވޭނަމަ، އިސްތަށިގަނޑު ގުދުރަތީ ގޮތުން ދިގުވުމަށް ހުރަސްތަކާ ކުރިމަތިވެއެވެ.

ފައިދާ ހުރި ކާނާ ކެއުމުގެ އިތުރުންވެސް، ދުޅަހެޔޮ އިސްތަށިގަނޑެއް ހޯދުމަށްޓަކައި ގިނަ ކަންކަން ކުރެވިދާނެއެވެ. މިލިޔުމުގައި މި ހިމަނާލަނީ އޭގެ ތެރެއިން ބައެއް ކަންތައްތަކެވެ.

ކަންޑިޝަނަރ ބޭނުންކުރުން:
އިސްތަށީގެ ބުޑަށް ވުރެ، އިސްތަށީގެ ކޮޅު ހިމަކަން ފާހަގަކުރެވޭ ދޯއެވެ. އެގޮތަށް ދިމާވަނީ އިސްތަށީގެ ބުޑަށް ފައިދާ ހުރި ނިއުޓްރިއެންޓްސް ލިބިފައި، އިސްތަށީގެ ކޮޅަށް އެފައިދާ ނުލިބޭތީއެވެ. އެހެންނަމަވެސް އާންމުކޮށް ކަންޑިޝަނަރ ބޭނުންކުރާ ކަމަށް އިސްތަށީގެ ހުރިހާ ހިސާބަކަށްވެސް ބޭނުންވާ މާއްދާތައް ލިއްބައިދިނުމަށް އެހީތެރިވެދެއެވެ. ނަތީޖާއަކަށް ވަނީ އިސްތަށިގަނޑު ދުޅަހެޔޮވެ، އަވަހަށް ދިގުވުމެވެ.

ހޫނު ތެލުން އިސްތަށިގަނޑު މަސާޖު ކުރުން:

މިއީ ވަރަށް ރަނގަޅު ފަރުވާއެކެވެ. ކާށި ތެޔޮ، ޒައިތޫނި ތެޔޮ، ނޫނީ ބަދަން ތެޔޮ ފަދަ މުހިންމު ތެލެއް ހޫނު ކުރުމަށްފަހު، އެތެޔޮ ބޭނުންކޮށްގެން ބޯ މަސާޖު ކޮށްލާށެވެ. ސްޓްރެސް ފިލުމުގެ އިތުރުން މިއީ އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްޓަކައި ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. އަދި މިއީ އިސްތަށި ފޭބުމުންވެސް ދުރުކޮށްދޭ ފަރުވާއެއް ކަމަށް ތަޖުރިބާކާރުން ހާމަކުރެއެވެ.

އިސްތަށިގަނޑު ތެތްކޮށް ހުއްޓައި ބޮލުގައި ތުވާލި ނޭޅުން:

މިއީ ބޮލުގެ އިސްތަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ހުރި ކަމެކެވެ. ބޮލުގައި ޝޭމްޕޫ ލުމަށްފަހު، ތުވާއްޔެއް ފަދަ އެއްޗަކުން އިސްތަށިގަނޑު ނިވާކޮށްގެން ބެހެއްޓުމަށްފަހު، އިސްތަށިގަނޑު ހިއްކަން މަސައްކަތް ކުރުމަކީ، ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މިގޮތަށް ކަންތައް ކުރުމުން އިސްތަށިގަނޑު ބަލިވެ، ގިނައިން އިސްތަށި ފައިބަން މެދުވެރިވެއެވެ.

ބިހުން ތައްޔާރުކޮށްފައިވާ މާސްކް ބޭނުންކުރުން:

ބިހަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާ އެއްޗެކެވެ. ބިހުން ތައްޔާރުކޮށްފައިވާ މާސްކެއް ބޮލުގައި އެޅުމަކީ، އިސްތަށިގަނޑު ވަރުގަދަ ކޮށްދީ، ފަން ކޮށްދޭ ކަމެކެވެ. ބިހުން މާސްކް ތައްޔާރު ކުރާއިރު، އެންމެ ބޮޑަށް އެދެވިގެންވަނީ، އޭގެތެރެއަށް ކާށި ތެޔޮ ފަދަ އެއްޗެއް އެއްކޮށްގެން މާސްކު ތައްޔާރު ކުރުމެވެ. މިގޮތަށް ތައްޔާރުކުރާ ޕޭސްޓް ވިއްސަކަށް މިނެޓް ވަންދެން ބޮލުގައި ހާކާފައި ބަހައްޓާށެވެ. އެއަށްފަހު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...