ފުރާނައަށް ނުރައްކާ ނުވާނަމަ ފުލުހުންނާއި ކުރިމަތިލާ މީހުން ނުމެރުމަށް ޑުޓާޓޭ ގޮވާލައްވައިފި

ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ

ފިލިޕިންސްގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދެކޮޅަށް ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވަނީ ހަނގުރާމައެއް ފައްޓަވާފައި ކަމަށް އޭނާ މީގެ ކުރިން ވިދާޅުވިއެވެ.

މަސްތުވާތަކެތި މަދު ކުރުމަށް ފިލިޕިންސް ފުލުހުން ފެށި އޮޕަރޭޝަނުގައި އެތައްހާސް ބަޔަކު މަރުވެފައިވާއިރު، އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުންވެސް މިކަމާއިމެދުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދާދި ފަހުން ފިލިޕިންސްގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފިލިޕިންސްގެ ހައި ސްކޫލެއްގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދަރިވަރަކު މަރުވުމާއި ގުޅިގެން ފިލިޕިންސްގެ ސަރުކާރަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.

ރައީސް ޑުޓާޓޭ ވަނީ މިފާޑުކިޔުންތަކާއި އެކީގައިވެސް މަސްތުވާތަކެތި ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޑުޓާޓޭ ވިދާޅުވެފައި ވަނީ ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.

އަދި ހައްޔަރު ކުރާ މީހުން އަމާން ދީފިނަމަ އެމީހުންގެ ގަޔަށް ބަޑި ޖަހައިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފިލިޕިންސްގެ ޑަވާއޯ ސިޓީގެ މޭޔަރުކަން ކުރެއްވުމަށްފަހުގައި ޑުޓާޓޭ ވެރިކަމަށް ވަޑައިގަތީ ފިލިޕިންސްގެ ރައްޔިތުން ޑްރަގް އަދި ކުށުގެ ވެށިން ސަލާމަތް ކުރުމުގެ ވައުދުފުޅާއެކީގައެވެ.

މިވައުދު ފުއްދުމަށްޓަކައި ޑުޓާޓޭ ގެންގުޅުއްވަނީ ވަރަށް ހަރުކަށި ސިޔާސަތެއް ކަމަށް ގިނަ މީހުން އަންނަނީ ސިފަކުރަމުންނެވެ. އެގޮތުން ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް ޑްރަގް ނައްތާލުމަށް ފިލިޕިންސް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 2،500އަސްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...