ސިނަމާލެ ބުރިޖާއި ހުޅުލެ-ހުޅުމާލެ ލިންކް ރޯޑުން މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި

ސިނަމާލެ ބުރިޖާއި ހުޅުލެ - ހުޅުމާލެ ލިންކް ރޯޑުން މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދެ ޓަނަށްވުރެ ބަރުކޮށް މުދާ އުފުލުމަށް ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދާއި ބަރު އުޅަނދުފަހަރަށް ބުރިޖާއި ލިންކު ރޯޑު ބޭނުންކުރެވޭނީ މެންދަމު 01:00 އާއި ފަތިހު 05:00 އާ ދެމެދުގައި ކަމަށެވެ.

ބަރު އުޅަނދުގެ ތެރެއިން ރަބަރު ފުރޮޅު ލާފައިވާ އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތަކަށް ބުރިޖު ނުވަތަ ލިންކުރޯޑު ބޭނުންކުރެވޭނީ ޓްރެއިލާއެއްގައި އުޅަނދު ބާއްވައިގެން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބުރިޖާއި ލިންކު ރޯޑުގައި މުދާ އުފުލަންވާނީ އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ރަނގަޅަށް ބަންދުކޮށްގެން ކަމަށާއި ޕިކަޕް ފަދަ ހާމައަށް މުދާ އުފުލޭ ގޮތަށް ހުންނަ އެއްގަމު އުޅަނދުގައި މުދާ އުފުލާއިރު އުޅަނދުން މުދާ ނުވެއްޓޭ ގޮތަށް ރަނގަޅަށް ބަންދު ކުރުމަށްޓަކައި ސަތަރި ނުވަތަ ކާގޯ ނެޓް ބޭނުން ކުރަން ޖެހޭނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ހަމައެއާއެކު ބުރިޖާއި ލިންކު ރޯޑުގައި މުދާ އުފުލާ އުޅަނދު ދުއްވާއިރު ފޮށިގަނޑުގައި މީހުން ތިބުމަކީ މަނާ ކަމެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ މަޑުން އަދި ބާރަށް ދުއްވައިގެން ނުވާނެ ކަމަށާއި ބުރިޖާއި ލިންކު ރޯޑުގެ އެއްވެސް ސަރަހައްދެއްގައި އުޅަނދު މަޑު ކުރުމާއި ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...