ގާތުން ކިރުދޭ މައިންނަށް ގޯސްކޮށް ކުރެވޭ ބައެއް ކަންތައްތައް

ގާތުން ކިރުދޭ މައިންނަކީ ވަކި ގޮތަކަށް އެމީހުންގެ ދިރިއުޅުން ގެންގުޅެން ޖެހޭ ބައެއްކެވެ. އެއީ އެމީހުންގެ ދިރިއުޅުމަށް ގެންނަ ބަދަލެއްގެ ސަބަބުން ކުޑަދަރިފުޅަށް އޭގެ އަސަރުކޮށްފާނެތީއެވެ. އެގޮތުން ގާތުންކިރުދޭއިރު ދަރިފުޅާމެދު ކުޑަކޮށް ނަމަވެސް ވިސްނާނުލެވި ބައެއް ކަންތައްތައް ގޯސްކޮށް ކުރެވެއެވެ. އެގޮތުން މިލިއުމުގައި ބައެއްކަންތައްތައް ފާހަގަކޮށްފައިވެއެވެ.

ކެއުން ދޫކޮށްލުމާއި ސިއްހަތު ރަނގަޅު ކާއެއްޗިހި ކެއުމުގައި ނުހިމެނުން

ބަނޑުބޮޑު ދުވަސްވަރު ރަނގަޅު ކާނާކެއުމަށްފަހު ވިހެއުމުން ބައެއްފަރާތްތަކުން ބަރުދަން ލުއިކުރުމުގެ ބޭނުމުގައި ބައެއް ފަރާތްތަކުން ކެއުން ދޫކޮށްލައެވެ. ނަމަވެސް އެއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. ކުޑަދަރިފުޅަށް ބޭނުންވާ ހުރިހާ ކާނާއެއް ގާތުން ދޭ ކިރުން ލިބޭއިރު އެފައިދާ އެންމެ ރަނގަޅަށް އެކުދިންނަށް ލިބޭނީ ބަރާބަރަށް ގަޑިން ގަޑިން ކައިގެންނެވެ. އަދި ދަރިފުޅަށް ބޭނުންވާ މާއްދާތައް އެންމެ ރަނގަޅަށް ލިބިގެންދާނީ ކެއުމުގައި ފައިދާހުރި ތަކެތި ހިމަނައިގެންނެވެ.

ޑޮކްޓަރަށް ނުދައްކާ ބޭސް ކެއުން

ގާތުން ކިރުދޭ ދުވަސްވަރު ޑޮކްޓަރަށް ދެއްކުމެއްނެތި ބޭސް ކެއުމަކީވެސް އަޅުގަނޑުމެންގެ ތެރެއިން ފެންނަ ކަމެކެވެ. ގާތުން ކިރުދޭއިރު ބާރުގަދަ ބޭސްތަކާއި ބައެއް އަޔުރުވެދިކު ބޭސްތައް ބޭނުންކުރާނަމަ އެ ބޭހުގެ އަސަރު ކުޑަދަރިފުޅަށް ކުރާނެ ކަމަށް ބައެއް ދިރާސާ ތަކުގައިވެއެވެ. އޭގެ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރަށް ދެއްކުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު ބޭސްކެއުމެވެ.


ދުންފަތުގެ އިސްތިއުމާލު ކުރުން

ގާތުން ކިރުދޭއިރު ނޫން ކަމުގައި ވިޔަސް ތުއްތުކުދިން ތިބޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ތިމާގެ އިތުރުން ތުއްތު ކުއްޖާއަށް ވެސް އެތައް ގޮތަކުން އަސަރު ކުރާނެ ކަމެކެވެ. އަދި އަމުދުން ގާތުން ކިރުދޭއިރު އެކަމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.


ގާތުން ކިރުދޭއިރު ނުބައި ގޮތަކަށް ހަށިގަނޑު ގެންގުޅުން

ގާތުންކިރުދޭ މައިން ކިރުދޭ އިރު ހަށިގަނޑު ގެންގުޅެންވަނީ ތިމާއަށްވެސް އަދި ދަރިފުޅަށްވެސް ފަސޭހަ ގޮތަކަށެވެ. އެގޮތުން ގާތުން ކިރުދޭން އިށީންނަށްވާނީ ބުރަކަށި ތަނެއްގައި ޖައްސައިގެން އަދި ދަރިފުޅުގައި ފަސޭހައިން ދަރިފުޅުގެ ގައިގައި ހިފަހައްޓައިގެން އިށީދެވޭނެ ފަދަ ގޮތަކަށެވެ.


ކެފެއިން ހިމެނޭ ބުއިންތައް މާގިނައިން ބޭނުންކުރުން

ގާތުންކިރުދޭ މަންމައިން ކެފެއިން ބޭނުންކުރުމަކީ އެެއްވެސް ގޮތަކަށް ރަނގަޅު ކަމެއް ނޫނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެމީހުން ބޯންވާނީ އެއްތަށި ކޮފީ ނުވަތަ ސައެވެ.


ސާފުތާހިރު ކަމަށް ސަމާލުކަން ނުދިނުން

ތުއްތުކުދިން ގެންގުޅޭއިރު ވަރަށް ބޮޑަށް ސާފުތާހިރުކަމަށް ސަމާލުކަން ދޭންޖެހެއެވެ. އެގޮތުން އަބަދުވެސް ސާފުތާހިރުކޮށް ހުރުމަށް ސަމާލުކަންދޭންޖެހެއެވެ. ދަރިފުޅުގެ ގައިގައި އަތްލާއިރު ރީތިކޮށް އަތް ދޮންނަން ޖެހޭނެއެވެ. ދަރިފުޅުގެ ގައިން އެއްވެސް ކަހަލަ ރޭޝްއެއް ކަހަލަ އެއްޗެއް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ޖެހޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...